ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗުތަކުގައި ޖަޕާނުގެ ސަޕޯޓަރުން ދައްކަމުން އަންނަ އަޚުލާގީ ރީތި ސަގާފަތް، އަނެއްކާވެސް ދުނިޔެއަށް ދައްކާލައި އެންމެންގެ ތައުރީފު ހޯދައިފިއެވެ. ފީފާ ވޯރލްޑަ ކަޕް 2026ގައި ރޭ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗަށްފަހު، ޖަޕާނުގެ ސަޕޯޓަރުން ވަނީ އެމީހުން ތިބި ސަރަހައްދުގައި ހުރި ހުރިހާ ކުނިތަކެއް އަމިއްލައަށް ހޮވައި، މުޅި ސްޓޭޑިއަމް ކުނިކޮޅެއްވެސް ނެތްހެން ސާފުތާހިރުކޮށްފައެވެ.

ޖަޕާނުގެ ސަޕޯޓަރުންނަކީ އަބަދުވެސް މިފަދަ ނަމޫނާ އާދަތަކެއް ގެންގުޅޭ ބަޔަކަށް ވާއިރު، މެޗުން މޮޅުވިޔަސް ނުވަތަ ބަލިވިޔަސް، އެމީހުން ދަނޑުދޫކޮށް ދަނީ މުޅި ސަރަހައްދު ކުނިކޮޅެއްވެސް ނެތްކަން ކަށަވަރުކުރުމަށްފަހުގައެވެ. މިއީ އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށްވެސް މިއަދު ނަމޫނާއަކަށް ބަލަންޖެހޭ ފަދަ ސިފައެކެވެ.

ޖަޕާނުގެ ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރާ ވީޑިއޯއަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ބައި މިލިއަނަށްވުރެ ގިނަ ލައިކްސް އަދި އެތައް ހާސް ކޮމެންޓެއް ވަނީ ލިބިފައެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ޖަޕާނުގެ ރައްޔިތުން ޅަ އުމުރުން ފެށިގެން ތިމާވެށި ސާފުކޮށް ބެލެހެއްޓުމަށް ދޭ ސަމާލުކަމާއި، އެމީހުންގެ ކިބައިގައި ހުންނަ ތަރުބިއްޔަތަކީ މުޅި ދުނިޔެއިންވެސް އިހުތިރާމްލިބުން ހައްގު ކަމެކެވެ.