ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ހޯދި އާ ނޭވީ މަނަވަރު މިއަދު ހުޅުމާލޭ ބަނދަރަށް ގެނެސްފިއެވެ.
އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން ރާއްޖެއަށް ކުރި މި ދިގު ދަތުރަށްފަހު، އުޅަނދު ހުޅުމާލޭ ބަނދަރަށް ވަނުމުން ވަނީ ވޯޓާ ސެލިއުޓެއް އަރުވައި، ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. މި އުޅަނދަށް މަރުހަބާ ދެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް ހުޅުމާލެއަށް ވަޑައިގެންނެވިއެވެ.
މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. މިއީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުން، އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި، އަދި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެކެވެ.
މި އުޅަނދު ރާއްޖެއަށް ގެނައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.
އަންނަ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ކަމިޝަންކޮށް ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމުގެ އިތުރުން މީހުން ސަލާމަތްކުރުމުގެ ގާބިލުކަން އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ. މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
