2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ ހުރިހާ މަސައްކަތެއް އަމާޒުކޮށްފައިވަނީ އެ މަންޒިލަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުވުމަކީ 2040 ގެ ތަސައްވުރު ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި، މިއީ ގައުމީ އުންމީދުތަކާ ގުޅުވައިދޭ މުހިންމު ބަދަލެއް ކަމަށެވެ. "ހުރިހާ މަސައްކަތެއް ކޮށްގެން މަގުފަހި މި ކުރަނީ 2040 އަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރު ހާސިލުކުރުމަށް. ގައުމުގެ އިގުތިސާދު ސިންދަފާތު ނުކޮށް މި ކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގުތިސާދުން ކަމަށް ކުރިން ކަނޑައަޅުއްވާފައިވާ އަމާޒު ތަކުރާރުކުރައްވާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ގޫގުލްއާއެކު ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފެށުން ފަދަ މުހިންމު މަޝްރޫއުތައް ހިންގަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ކާބަފައިން ރާއްޖެއާ ދުނިޔެ ގުޅުވައިދިނީ ކަނޑުމަގުންނެވެ. ނަމަވެސް މިއަދުގެ ޒަމާނުގައި ގައުމު ތަރައްގީކުރުމަށްޓަކައި ދުނިޔެއާ ގުޅެންޖެހެނީ ޑިޖިޓަލް އިގުތިސާދުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުން މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ ދަތި އަދި އުނދަގޫ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، ހަރުދަނާ ޕްލޭނަކާއި އަމާޒެއް އޮތްނަމަ އެއީ ހާސިލުކުރެވޭނެ ކަމެއްކަން ރައީސް މީގެ ކުރިން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ސެޕްޓެމްބަރު 2024 ގައި އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގައުމީ ފެންވަރުގައި މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާނެއެވެ.
