އައު ހިޖުރީ އަހަރެއްގެ ފެށުމަކީ މުޅި އިސްލާމީ އުންމަތަށް ބޮޑުވެގެންވާ ހަނދާންތަކަކާއި ދަރުސްތަކެއް ގެނެސްދޭ މުނާސަބަތެކެވެ. ހިޖުރީ ތާރީޚަކީ ހަމައެކަނި ދުވަސްތަކެއް ގުނުމަށް ބޭނުންކުރާ ނިޒާމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ މުސްލިމުންގެ އަގީދާއާއި، ކެތްތެރިކަމާއި، މާތް ﷲ ގެ މަގުގައި ކުރެވޭ މަތިވެރި ޖިހާދާއި ގުރުބާނީގެ ރަމްޒެކެވެ. ކޮންމެ މުޙައްރަމް މަހެއްގެ ފެށުމާއެކު، މުސްލިމުންގެ ހިތްތަކުގައި އާވެގެންދަނީ ދީނުގެ ހައްގުގައި އަމިއްލަ ވަޒަން ދޫކޮށް ކުރެވުނު މަތިވެރި ދަތުރުގެ ހަނދާންތަކެވެ.
ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދުލް މުޞްޠަފާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުން، މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަމުން ސަލާމަތްވެ، އިސްލާމީ ދައުލަތެއް ބިނާކުރެއްވުމަށްޓަކައި މަދީނާއަށް ކުރެއްވި ހިޖުރައާއެވެ. މި ތާރީޚު ކަނޑައެޅިގެންދިޔައީ އަމީރުލް މުއުމިނީން ޢުމަރުގެފާނުގެ ޚިލާފަތުގައެވެ. އަޞްޙާބު ބޭކަލުންގެ މަޝްވަރާއާއެކު، އިސްލާމީ އުންމަތުގެ ރަސްމީ ކަލަންޑަރުގެ ފެށުމަކީ ކީރިތި ރަސޫލާގެ އުފަންދުވަސް ނުވަތަ ވަޙީ ބާވައިގަނެވުނު ދުވަހުގެ ބަދަލުގައި، ހިޖުރައިގެ މަތިވެރި ހާދިސާ ކަމުގައި ބެލެވުނީ އެއީ ޙައްޤާއި ބާޠިލު ވަކިކޮށްދިން ބޮޑު ބަދަލަކަށް ވާތީއެވެ.
މި ބަރަކާތްތެރި ހިޖުރައިގެ މަތިވެރިކަމާއި، އެކަލޭގެފާނަށް މާތް ﷲ ދެއްވި ނަޞްރާއި ކާމިޔާބީގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ސޫރަތުއް ތައުބާގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿40﴾ إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ. މާނައީ: ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަަ، حكيم ވަންތަ ރަސްކަލާނގެއެވެ."
އައު ހިޖުރީ އަހަރަކާ ކުރިމަތިލާއިރު، މުސްލިމުންނަށް އޮތް އެންމެ ބޮޑު ބަރަކާތަކީ އަމިއްލަ ނަފްސު ހިސާބުކޮށް، އިޞްލާޙުވުމުގެ ފުރުސަތު ލިބުމެވެ. ވޭތުވެދިޔަ އަހަރު ކުރެވުނު ކުށްތަކާއި ފާފަތަކުން ތައުބާވެ، މާތް ﷲ ގެ މަގަށް ރުޖޫޢަވުމަށް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ. ހަމައެއާއެކު، ހިޖުރީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހަކީ ހުރްމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހަކަށް ވުމުން، މި މަހުގައި ކުރެވޭ އަޅުކަންތަކާއި ހެޔޮ ޢަމަލުތަކުގެ ސަވާބާއި ބަރަކާތް ދެގުނަވެގެންދެއެވެ.
އައު ހިޖުރީ އަހަރެއްގެ ފެށުމަކީ ހަމައެކަނި ތާރީޚީ ދުވަހެއް ފާހަގަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އަޅުގަނޑުމެންގެ ޢަމަލުތަކާއި އަޚްލާޤު، ނުބައިކަންކަމުން ހެޔޮކަންކަމަށް "ހިޖުރަ" ކުރުމަށް ލިބޭ ވަރުގަދަ މެސެޖެކެވެ. މިއީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގައި އިސްލާމީ ވަހުދަތާއި އާއިލީ ގުޅުންތައް ބަދަހިކޮށް، ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅަންޖެހޭ ވަގުތެކެވެ. މާތް ﷲ މި ފެށުނު އަހަރަކީ މުޅި އިސްލާމީ އުންމަތަށް ބަރަކާތްތެރި އަދި އަމާން އަހަރެއް ކަމުގައި ލައްވާށިއެވެ! އާމީން.
ހަވާލާ: ދަ ޑެއިލީ އިސްލާމިކް ރިމައިންޑަރ (2025).
