މިއަހަރުގެ މިހާތަނަށް ދައުލަތުގެ ލޯނުތައް އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ހޭދަކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހޭދަކުރި 3.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 178 ޕަސަންޓުގެ އިތުރުވުމެކެވެ.
ދަރަނި ދައްކަން ކުރި ހޭދަ ބޮޑުތަނުން އިތުރުވެފައި ވާއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 1 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް 1 ބިލިއަން ރުފިޔާ ޖަމާކޮށްފައި ވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައި ވަނީ 934 މިލިއަން ރުފިޔާއެވެ.
ސަރުކާރުން މިއަހަރު ދެއްކި 500 މިލިއަން ޑޮލަރުގެ ބޮޑު ލޯނު ދެއްކުމުގައި ވެސް އެސްޑީއެފްގެ ބޭނުން ވަނީ ހިފާފައެވެ. ސޮވެރިން ފަންޑަކީ ކުއްލި ހާލަތްތަކުގައި ދިމާވާ ކަންކަމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން، އިގުތިސާދީ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ފަންޑެކެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެސްޑީއެފް އަކީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ބޮޑެތި ދަރަނިތައް އަދާކުރުމަށް ވަކި މަގުސަދެއްގައި ބަލަހައްޓަމުން އަންނަ މުހިންމު ފަންޑެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
