މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، މެލޭޝިއާއިން ކިޔެވުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ސްކޮލަޝިޕްގެ ހާއްސަ ފުރުސަތުތަކެއް މިއަދު ހުޅުވާލައިފިއެވެ. އެމްއެމްއޭއިން މި ފުރުސަތުތައް ހުޅުވާލާފައި ވަނީ ބެޗްލާސް ޑިގްރީ އާއި މާސްޓާސް ޑިގްރީގެ އިތުރުން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށެވެ.

މެލޭޝިއާގެ މަޝްހޫރު ޔުނިވަސިޓީތަކުން ކިޔެވުމަށް ދިން މި ފުރުސަތުގެ ދަށުން، ސެލަންގޯ އިސްލާމިކް ޔުނިވަސިޓީން ބެޗްލާ އޮފް އެކައުންޓިން ކިޔެވުމަށް ވަނީ ހުޅުވާލާފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ލޯސް އާއި މާސްޓާ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުސަތުގެ އިތުރުން، އިންސީފް ޔުނިވަސިޓީން އިސްލާމިކް ފައިނޭންސް ނުވަތަ އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ޕީއެޗްޑީ ހެދުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން ކޯހުގެ ޓިއުޝަން ފީ އާއި ޔުނިވަސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހުރިހާ ހަރަދުތަކެއް ވެސް އެމްއެމްއޭއިން ހަމަޖައްސައިދޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އަދި ކޯސް ފުރިހަމަކުރުމަށްފަހު، މި ފުރުސަތުގެ ދަށުން ކިޔެވި ފަރާތްތަކުން މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.