ރާއްޖޭގައި ތިބި ޒުވާން ހަތީބުންގެ އަދަދު މިއަހަރުގެ ތެރޭގައި 1000 އަށް އަރައި، ހާފިޒުންގެ އަދަދު 350 އަށް ގާތްކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، އާ އަހަރާ ކުރިމަތިލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ފެށިގެން މިދާ ހިޖުރީ 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ އަހަރެވެ. އެހެންކަމުން، މިއަހަރަކީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވަރަށް ފާހަގަކޮށްލެވޭ، ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަތީބުންނާއި ހާފިޒުން އިތުރުވުމުގެ އިތުރުން، ރާއްޖޭގައި ކުރިއަށް ގެންދާ ބިޔަ ބޮޑު ވަގުފު ބިނާތަކުގެ މަސައްކަތްތައް ވެސް މިއަހަރު ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަގުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ، ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ވެސް ނިމުމަކާ ގާތްކުރާނެ ކަމަށާއި، ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތާއި އަތޮޅުތަކުގެ ގިނަ މިސްކިތްތަކެއް ނިމިގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް އިސްލާމީ ގަރުނަށް ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް އެޅިގެންދާނެ އަހަރު،" މިއަހަރު ސިފަކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލެއް ބިނާކުރުމެވެ. އަދި އޭގެ އިތުރުން ވަރުގަދަ އިސްލާމީ އުމްރާނީ ކުރިއެރުންތަކެއް ރާއްޖެއަށް ގެނައުމަކީ ވެސް މިއަހަރުގެ މުހިންމު އަމާޒެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
