އިސްލާމީ އާ އަހަރާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރު ބަންދުކޮށްފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް މުދާ) ކްލިއާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފިއެވެ. އެމްޕީއެލްއިން މިގޮތަށް ނިންމީ ބަންދު ދުވަހެއް ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ މުހިންމު ކާބޯތަކެތި ހަލާކުވިޔަ ނުދީ ވީހާވެސް އަވަހަކަށް ބާޒާރަށް ނެރުމުގެ މަގުސަދުގައެވެ.

އެމްޕީއެލްއިން ބުނީ، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އެ ކުންފުނިން އަމަލުކުރަމުން އަންނަ ހާއްސަ އުސޫލުގެ ދަށުން މިއަދު ވެސް މުދާ ބޭލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، މިއަދު މެންދުރު 1:30 އާ ހަމައަށް ވެސް ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ ހިދުމަތް މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މުދާ ބޭލުމުގެ މަސައްކަތުގެ ތެރެއިން، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ފުރިހަމަކޮށްފައެވެ. އެ ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބާލާފައިވާއިރު، އިތުރު ބޯޓެއް ކަމަށްވާ "ނަވާލް" އިން ވެސް މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި އުޅަނދުން ވެސް މައިގަނޑު ގޮތެއްގައި ބާލާނީ ފިޔާ، އަލުވި އަދި ބިސް ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ހާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 8:00 އިން ފެށިގެން ވެސް ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށް އެމްޕީއެލްއިން ވަނީ އިއުލާނުކޮށްފައެވެ. މިއީ ބަންދު ދުވަސްވަރު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދީ، މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވިޔަ ނުދިނުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.