ޖަލުތަކުގައި މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ވަޒީރު ވިދާޅުވީ، ދުވަސްތަކަކަށްފަހު "ވަން ޕްރިޒަން" ކޮންސެޕްޓުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ޖަލުގެ ޖާގައާއި ވަސީލަތްތައް އިތުރުކޮށް، މިހާރު ހުރި ދަތިތަކަށް ބޮޑު ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގައިދީން ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، އައިކޯސްޓުން އަލަށް ތައާރަފްކުރި "ސެޓްފިކެޓް 1 އިން ގިރާތު" ކޯސް ވަޒީރު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. ޖުމްލަ 67 ގައިދީން ބައިވެރިވި މި ކޯހަކީ އެހެން އިންސްޓިޓިއުޓެއްގެ އެހީއާ ނުލާ އައިކޯސްޓުން އަމިއްލައަށް ހިންގާ ފުރަތަމަ ގިރާތު ކޯހެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ހިންގުމަށް ރޭވިފައިވާ އިތުރު ކޯސްތައް ވެސް ވަޒީރު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޖަލުތަކުގެ މަގުސަދަކީ ގައިދީން ބަންދުކޮށްފައި ބޭތިއްބުމަށްފަހު ދޫކޮށްލުން އެކަނި ނޫން ކަމަށެވެ. އެމަނިކުފާނުގެ އުއްމީދަކީ ޖަލުން ނިކުމެގެންދާ ކޮންމެ ރައްޔިތަކީ މުޖުތަމައު ބަލައިގަންނަ، އަމިއްލަ އާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި އަނބުރާ ޖަލަކަށް ނާންނާނެ ފަދަ ހަރުދަނާ މީހަކަށްވުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
