ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރު އަދާކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލާފައި ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައެވެ. މި ބަޔާން އިއްވަވައި ދެއްވީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެކަމަނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިސްރާއީލުން ފުރިހަމައަށް ބޯލަނބާކަން ކަށަވަރުކުރުމަކީ މިއަދު އޮތް ވަރަށް މުހިންމު ޒިންމާއެއް ކަމަށެވެ.
ފަލަސްތީނުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން ވަނީ ބާރު އަޅާފައެވެ. ހަމައެހެންމެ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުން ހުއްޓުވުމަށާއި، އަނިޔާ ލިބެމުންދާ އާންމުންނަށް ބޭނުންވާ އެހީތެރިކަމާއި އަދުލުވެރި ބަދަލު ހޯދައިދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށާއި، އަމިއްލަ މިނިވަންކަން ކަނޑައެޅުމުގެ ހައްގަށް އިހްތިރާމްކޮށް، މި މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި އަދި ސުލްހަވެރި ހައްލެއް ހޯދުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. ރާއްޖޭގެ ބަޔާން ނިންމާލަމުން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ޣައިރު ގާނޫނީ އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެކަން ހާމަކޮށްފައެވެ.
