ކޮވިޑުގެ ހާލަތު އެންމެ ގޯސް އެއް ގައުމު ކަމަށްވާ އިންޑިޔާގައި ކޮވިޑުގެ ސަބަބުން ވަނީ ފަގީރުކަމުގެ ހާލަތުވެސް އިންތިހާއަށް ގޮސްފައެވެ. އެގޮތުން އިންޑިޔާގެ އަންހެނަކު މިވަނީ އޭނާގެ ދަރިއެއްވެސް ވިއްކާލާފައެވެ. ނަމަވެސް މިހާރު އެކުއްޖާގެ މަންމަ އާއި އެކުއްޖާ ވަނީ ހަވާލު ކޮށްފައެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިޔާގެ ނޮގްދަށިމަލާ އަވަށުގައެވެ. ޝާހް އަލޮމް އާއި ރަބީއާ ނަމަކަށް މިޔާ މި ދެމަފިރިންގެ 3 ކުދިން ދުނިޔޭގައި އެބަތިއްބެވެ. މި އާއިލާ އަކީ ފެށުނީއްސުރެ ދަތި ދިރިއުޅުމެއް އުޅެމުން އައި އާއިލާއެކެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އެމީހުންގެ ފަގީރުކަން އިތުރުވީ އެ ކުއްޖާގެ ބައްޕަ، ޝާހްގެ ވަޒީފާ ގެއްލުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން އެ މީހުންގެ އަތްމަތި އެއްކޮށް ވަނީ ހުސްވެފައެވެ. އަދި ސަލާން ޖަހައިގެން ލިބޭ އެއްޗަކުން އެ އާއިލާއަކަށް ނުފުދެއެވެ. މިފަދަ ހާލެއްގައި އެމީހުން ތިއްބާ އެހެން ދެމަފިރިއަކު އެމީހުންގެ ގާތަށް އައިސް އެ ހުށަހެޅުން ހުށަހެޅިއެވެ. ހާލަތުގެ މަޖުބޫރުކަމުން ޝާހް އާއި ރަބީއާ ދެމީހުން އެމީހުންގެ އެންމެ ހަގު ކުއްޖާ އެ އާއިލާއަށް ވިއްކާލިއެވެ. މި ކުއްޖާ ވިއްކާލައިފަވީ ގާތްގަނޑަކަށް 40،000 އިންޑިޔާ ރުޕީސް އަށް ކަމަށް ރިޕޯޓުތައްބުނެއެވެ.

މި ހާދިސާ ހިނގިތާ ހަފްތާއެއްވީ އިރުވެސް އެ ސަރަހައްދުގެ އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. ނަމަވެސް ހަފްތާއެއް ފަހުން އެ އާއިލާގެ އަވައްޓެރިއަކަށް އެކަން އެނގުމުން އޭނާ ވަނީ އެ މައްސަލަ އެ ސަރަހައްދުގެ ޕޮލިހުންނަށް އަންގާފައެވެ.

ކުދިން "އެޑޮޕްޓް" ކުރުމުގެ ގާނޫނެއް އިންޑިޔާގައި އޮތް ނަމަވެސް އެ ސަރަހައްދުގެ ފުލުހުން ބުނީ އެކުއްޖާ ގަނެގެން ގެންދިޔަ އާއިލާއިން އެކަން ކުރީ ޝާހްމެންގެ ފަގީރުކަމުގެ ފައިދާ ނެގުމަށެވެ. އެހެންވެ ފުލުހުންވަނީ އެ ކުއްޖާ ހޯދާ އަލުން ޝާހް އާއި އަދި ރަބީއާ އާއި ހަވާލުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދުގެ މީހުން މިހާރު ދަނީ އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ ސަރަހައްދުގެ ކުލިނިކަކުން ޝާހް އަށް މިހާރު ވަނީ ވަޒީފާއެއްވެސް ދީފައެވެ. އެ ސަރަހައްދުގެ ފުލުހުން ބުނީ މި މައްސަލަ މިހާރު ހައްލުވެފައި އޮތުމުން އިތުރު ތަހުގީގެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާ އެ ކޭސް ނިންމާލައިފާކަމަށެވެ.