މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތާރީހީ ހެޓްރިކެއް ހަދައި، އެއް މެޗަކުން ހަތް ރެކޯޑު މުގުރާލައިފި އެވެ.

އާޖެންޓީނާ އިން 3-0 އިން މޮޅުވި މި މެޗުގައި މެސީ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އިތުރު ތާރީހީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ކާމިޔާބީއާ އެކު އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހަދާފައިވާ ގިނަ ރެކޯޑުތަކެއް އާ އުސްމިންތަކަކަށް ގެންގޮސްދީފަ އެވެ.

މި މެޗަކީ އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެދިން 200 ވަނަ މެޗެވެ. އުމުރުން 39 އަހަރުގެ މެސީ މި މެޗުގައި ކުޅެން އެރުމާ އެކު، އޭނާ ވެފައި ވަނީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެ އިތުރުން، އޭނާ ވަނީ ވޯލްޑް ކަޕް މެޗެއްގައި ހެޓްރިކް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު ވެސް ހޯދައިފަ އެވެ. އަދި މި ހެޓްރިކާ އެކު އޭނާ ވަނީ ވޯލްޑް ކަޕްގައި 16 ލަނޑު ޖަހައިގެން، ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

މީގެ އިތުރުން މެސީ ވަނީ ވޯލްޑް ކަޕްގައި އޭނާ ހިއްސާވި ލަނޑުގެ އަދަދު 24 އަށް ޖައްސައި، މުޅި މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހުމުގައި ހިއްސާވި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ. އަދި އޭނާ ވަނީ އޭރިއާ ބޭރުން ވޯލްޑް ކަޕްގައި ހަ ވަނަ ލަނޑު ޖަހައި، އެ ރެކޯޑު ވެސް އާކޮށްފަ އެވެ. މީގެ ކުރިން 2006 ވަނަ އަހަރު އާޖެންޓީނާގެ އެންމެ ޒުވާން ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް މެސީ، މިހާރު ވެފައި ވަނީ އެ ގައުމަށް ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.