އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލުގައި ގައިދީން ގުނަވަން ހަދިޔާކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ އެކު، އެ ބިލު އިތުރަށް ދިރާސާކޮށް ފުރިހަމަކުރުމަށްޓަކައި އަނބުރާ ކަމާބެހޭ ކޮމެޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގާނޫނީ އަދި އިޖުރާއީ ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު އަލުން ކޮމެޓީއަށް ފޮނުވަން ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު އަނބުރާ ފޮނުއްވަމުން ރައީސް މުއިއްޒު ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި، ސަރުކާރުގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
ބިލު އަނބުރާ ފޮނުއްވި ސިޓީގައި ރައީސް ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ، ގައިދީން ގުނަވަން ހަދިޔާކުރުމާ ގުޅޭގޮތުން ބިލަށް ގެނެސްފައިވާ ބަދަލުތަކެވެ. ސަރުކާރުން ބިލު ހުށަހެޅިއިރު ގައިދީންނަކީ ފުރިހަމަ މިނިވަން އިހްތިޔާރުގައި ރުހުން ދެވޭނެ ބައެއް ކަމަށް ނުބެލެވޭތީ އެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. ނަމަވެސް، މަޖިލީހުން ބިލު ފާސްކުރިއިރު އެ ހުރަސްތައް އުނިކޮށްފައިވާތީ، އެކަމުގެ ސަބަބުން ބިލު ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބިލުގައި ކަނޑައަޅާފައިވާ ބައެއް އަދަބުތައް އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ ފުށުއެރުމުގެ ބިރު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ގިސާސް ހިފުމާއި ދިޔަ ދިނުމާ ގުޅޭގޮތުން ބިލުގައި ހުރި މާއްދާތަކުގައި، ކުށުގެ އަމަލާއި އަދަބު ސާފުކޮށް ބަޔާންވެފައި ނެތުމަކީ ޝަރީއަތުގެ އުސޫލުތަކުން ބޭރުން އަދަބު ތަންފީޒުވުމުގެ ބިރު އޮތް ކަމެއް ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވިއެވެ.
ބިލުގެ އިޖުރާއީ ކަންކަމަށް ބަލާއިރު، ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ކަނޑައަޅާފައިވާ މުއްދަތާއި، ގާނޫނަށް އަމަލުކުރަން ފަށާ މުއްދަތާ ދެމެދު ފުށުއެރުންތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފެއްދުމުގެ ކުރިން، އެ ކައުންސިލުގެ ލަފާގެ މަތިން ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ރައީސްގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
މަޖިލީހުން މިއަދު ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މި ހުރިހާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ބިލަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި އަލުން ކަމާގުޅޭ ކޮމެޓީން މި ބިލު ދިރާސާކުރުމަށެވެ. ކޮމެޓީން މި ބިލު އިސްލާހުކުރުމަށްފަހު، އަލުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.
