ޕޭޕަލް ފަދަ އިންޓަނޭޝަނަލް ފެންވަރުގައި މަގުބޫލު ޑިޖިޓަލް ވަސީލަތްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭއްވި ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރާއި އުރީދޫ ގުޅިގެން ރާއްޖޭގައި މިހާރު ވަނީ ޕޭޕަލްގެ ހިދުމަތް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައެވެ. މި ހިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ މިދިޔަ އަހަރު އުރީދޫއަށް ލިބިފައިވާއިރު، މިހާރު އެ ކުންފުނީގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ލިބުމަކީ ގައުމުގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގުތުން ވަގުތަށް ފައިސާ ލިބުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ އިގުތިސާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުން ހުއްޓާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ޕޭޕަލް ރާއްޖެއަށް ތައާރަފުވެގެން މިދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ. ޕޭމަންޓްސް ރިސީވްވާނެ. ރިއަލްޓައިމް ސީމްލެސްކޮށް މަސައްކަތްވެސް ކުރާނެ. ވަރަށް ބޮޑު ކުރިއެރުމެއް ހަގީގަތުގައި ފަހިވެގެން މިދިޔައީ،" ސައީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިޖިޓަލް އިގުތިސާދެއް ބިނާކުރުން ކަމަށްވާއިރު، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސަންޓު ޑިޖިޓަލް އިގުތިސާދުން ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުބާރު ރާއްޖެއަށް ލިބެމުންދާކަން ފާހަގަކޮށް ސަރުކާރުން ބުނީ، ޕޭޕަލް މެދުވެރިކޮށް އިންޓަނޭޝަނަލް ބާޒާރުގައި ވިޔަފާރިކޮށް، ފަސޭހަކަމާއެކު އާމްދަނީ ހޯދުމުގެ އާ ދޮރުތަކެއް މިހާރު ދިވެހިންނަށް ހުޅުވިފައިވާ ކަމަށެވެ.
