އިގްތިސާދީ ގޮންޖެހުންތަކާއި ނާޒުކު ހާލަތްތަކެއް ހުރި ނަމަވެސް، ރާއްޖެއިން ސުކޫކާއި އެހެނިހެން ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންދާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފްގެ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދަރަނި ދެއްކުމުގައި ހުރަސްތަކެއް ހުރި ނަމަވެސް، ރާއްޖެއިން ދަނީ ގަވާއިދުން ދަރަނިތައް އަދާކުރަމުން ކަމަށެވެ. މީގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ބިރުވެރިކަން ކުޑަވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތުގައި އައިއެމްއެފްގެ ވަފުދުން ވަނީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކޮށްފައެވެ. އައިއެމްއެފްއިން ބުނި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މިއަހަރު އިގްތިސާދީ ކުރިއެރުން 1 ޕަސަންޓަށް ދަށްވާނެއެވެ. ނަމަވެސް، އަންނަ އަހަރު އިގްތިސާދު އަލުން ކުރިއަރަން ފަށާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދަރަނިތައް ބަރާބަރަށް ދައްކަމުންދިޔަ ނަމަވެސް، މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އައިއެމްއެފްގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީ ސަބްސިޑީ ދޭ އުސޫލުތައް މުރާޖައާކޮށް، އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް ސަބްސިޑީ ހާއްސަކުރުމަށް ވަނީ ލަފާދީފައެވެ. މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކޮންޓްރޯލްކުރުމާއި، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ފައިސާގެ ބާޒާރު ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށްވެސް އައިއެމްއެފްއިން ވަނީ އިރުޝާދުދީފައެވެ.
