ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭ ގައި މިރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ 1-1 އިން ކޮންގޯ އެއްވަރުކޮށްފިއެވެ.

މިއީ 1974 ވަނަ އަހަރުގެ ފަހުން ކޮންގޯ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ފަހަރުގެ މުބާރާތުގައި ކޮންގޯ ކުޅުނީ ޒަޔަރ ގެ ނަމުގައެވެ. އެ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން، މިއީ ވޯލްޑް ކަޕެއްގައި ކޮންގޯ ހާސިލްކުރި ފުރަތަމަ ޕޮއިންޓެވެ.

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު، ޖޮއާއޯ ނެވޭސް ވަނީ އެ ޓީމަށް ލީޑުނަގައިދީފައެވެ. މިއީ ޕެޑްރޯ ނެޓޯ އަރިމަތިން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ނެވޭސް ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ކޮންގޯ އަށް އެއްވަރުކޮށްދިނީ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ފޯވާޑް، ޔޮއާން ވިސާ އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ކޮންގޯގެ ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގައި ވެސް ކޮންގޯ އިން ވަނީ ރަނގަޅު ކުޅުމެއްދައްކައި ޕޯޗުގަލްގެ އެޓޭކުތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ.

މި މެޗުގައި ކުޅުނު ޕޯޗުގަލްގެ ކެޕްޓަން، ރޮނާލްޑޯ އަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އޭނާ އަށް ބޯޅަ ލިބުނީ ވެސް މަދު ފަހަރަކު އެވެ.

މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕެވެ. މި މެޗާއެކު ރޮނާލްޑޯ ވަނީ މުބާރާތުގެ ތާރީހުގައި 23 މެޗު ފުރިހަމަކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފު ހޯދާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނަ އަށް ޖެހިލައިފައެވެ. މި ލިސްޓުގެ ހަތަރުވަނައިގައި ދެން އޮތީ އިޓަލީގެ ޕައޮލޯ މަލްޑިނީ އެވެ.

މި މުބާރާތުގައި ޕޯޗުގަލް ދެން ކުޅޭ މެޗުގައި ނިކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވާ އަންގާރަ ދުވަހު ރާއްޖެގަޑިން ރޭގަނޑު 10 ޖަހާއިރު އެވެ.