އެމެރިކާގެ ހިއުސްޓަންގައި ބުދަ ދުވަހު ކުޅުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުގައި ކޮންގޯއާ ވާދަކޮށް ޕޯޗުގަލް އެއްވަރުވިއިރު، ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ފުރުސަތު ބޭކާރުވެއްޖެއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ރޮނާލްޑޯއަށް މި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، މިއީ އޭނާ ބޮޑު މުބާރާތެއްގައި ލަނޑެއް ނުޖެހި ނިންމާލި ޖެހިޖެހިގެން 10 ވަނަ މެޗެވެ.
މި މުބާރާތުގައި އަންގާރަ ދުވަހު ކުޅުނު މެޗުތަކުގައި ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭގެ އިތުރުން އާލިން ހާލަންޑް ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑުތަކެއް ޖަހާފައެވެ. ނަމަވެސް ޕޯޗުގަލްގެ ފުރަތަމަ މެޗުގައި އެ ޓީމަށް އެ ފަދަ ކާމިޔާބީއެއް ނުހޯދުނެވެ. މެޗުގެ ހަވަނަ މިނިޓުގައި ޔޮއާން ނެވޭސް ޖަހައިދިން ލަނޑުން ޕޯޗުގަލްއިން ކުރިހޯދި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮންގޯގެ ޔޮއާން ވިސާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މުޅި މެޗުގައި 75 ޕަސަންޓު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕޯޗުގަލްއިން ނަމަވެސް، އެ ޓީމަށް އިދިކޮޅު ގޯލަށް ފޮނުވާލެވުނީ އެންމެ ހަތް ހަމަލާއެވެ.
ކެރިއަރުގައި 1000 ލަނޑު ހަމަކުރުމާ ގާތްވެފައިވާ ރޮނާލްޑޯއަށް ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވިއެވެ. މެޗަށްފަހު ވާހަކަދައްކަމުން އިނގިރޭސި ޕްރެމިއާ ލީގުގެ ކުރީގެ ފޯވާޑް ކްރިސް ސަޓަން ބުނި ގޮތުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯ މުޅި މެޗުގައި ދަނޑުމަތީގައި ބެހެއްޓުމަކީ ލަދުވެތި ކަމެކެވެ. އަދި ކޯޗު ރޮބާޓޯ މާޓިނޭޒް ހުރީ ރޮނާލްޑޯ ދަނޑުން ބާލަން ޖެހިލުންވެފައި ކަމަށްވެސް އޭނާ ބުންޏެވެ. ފްރާންސްގެ ކުރީގެ ޑިފެންޑަރު ގޭލް ކްލިޗީ ބުނި ގޮތުގައި، ރޮނާލްޑޯ ފަދަ ބޮޑު ކުޅުންތެރިއަކު ދަނޑުމަތީގައި ހުރުމުން އެހެން ކުޅުންތެރިންނަށް ނޭނގި ނަމަވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.
