ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނި ނުކޮށް ސައޫދީ އަރަބިއްޔާގައި އެކުގައި ދިރިއުޅެމުންދާ ދިއުމަކީ އެ ގައުމުގެ ގާނޫނުތަކާ ހިލާފު ކަމެއް ނަމަވެސް، ކަމާބެހޭ ފަރާތްތަކުން މިކަމަށް ފިޔަވަޅު ނާޅާކަން ހާމަވެއްޖެއެވެ.

ރޮނާލްޑޯ ސައޫދީގެ އަލް ނަސްރު ކުލަބަށް ބަދަލުވި ފަހުން 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާގެ އާއިލާއާއެކު ރިޔާޒްގައި ދަނީ ދިރިއުޅެމުންނެވެ. އެ ގައުމުގެ ގާނޫނުތައް ބުނާގޮތުން ކައިވެނި ނުކޮށް ދެމަފިރިންގެ ގޮތުގައި އެކުގައި ދިރިއުޅުމަކީ މަނާ ކަމެކެވެ.

ސައޫދީގެ ގާނޫނީ ވަކީލުންނާއި ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާނޫނުތައް މިހެން ހުރި ނަމަވެސް، ބޭރު ގައުމުތަކުގެ މީހުންނާއި ސައޫދީގައި ވަޒީފާ އަދާކުރާ ބޭރުގެ މަސައްކަތްތެރިންގެ މިފަދަ ކަންކަމަށް މިހާރު ފިޔަވަޅެއް ނާޅައެވެ. އަދި ރޮނާލްޑޯއަށް މިކަމުގައި ވަކި ހާއްސަ ހުއްދައެއް ދީފައި ނުވި ނަމަވެސް، ބޭރުގެ ޖޯޑުތައް އެކުގައި ދިރިއުޅުމުގެ މައްސަލަތަކުގައި ސައޫދީގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރަނީ ވަރަށް ލުއިކޮށެވެ.

މި ލުއިތަކަކީ ސައޫދީގެ "ވިޝަން 2030" އިސްލާހީ މަޝްރޫއުގެ ދަށުން އެ ގައުމަށް ޓޫރިސްޓުންނާއި ބޭރުގެ ހުނަރުވެރިން ޝައުގުވެރިކުރުވުމަށް ގެނެސްފައިވާ ބަދަލުތަކުގެ ބައެކެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ބޭރުގެ ކައިވެނި ނުކޮށް ތިބޭ ޖޯޑުތަކަށް ހޮޓާތަކުގެ ކޮޓަރިތައް ހިއްސާކުރުމުގެ ހުއްދަ ދީފައިވާއިރު، މިހާރު މި ލުއިތައް ވަނީ ދިގު މުއްދަތަށް ސައޫދީގައި ދިރިއުޅޭ މީހުން ކުއްޔަށް ހިފާ ގެތަކަށްވެސް ފުޅާކޮށްފައެވެ.