2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނޭ ކެނެޑާއިން އެ މުބާރާތް އިސްތިހާރު ކުރުމުގައި ގެންގުޅޭ މަޑުމައިތިރި އުސޫލުގެ ސަބަބުން، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަލާމާތް އެ ގައުމަށް އަމާޒުވެއްޖެއެވެ.

އެމެރިކާ އާއި މެކްސިކޯއިން މުޅި ދުނިޔެއަށް މި މުބާރާތުގެ ފޯރި ގަދަކުރަމުން ދާއިރު، ކެނެޑާގެ ހިމޭންކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސުވާލު އުފައްދަނީ އެ ގައުމަށް މުބާރާތް ބާއްވާކަން އެނގޭތޯއެވެ.

މި މަލާމާތްތައް އިތުރަށް ގަދަވެގެން ދިޔައީ ފޮކްސް ސްޕޯޓްސްއިން އާންމުކުރި އިސްތިހާރެއްގައި، ފުޓްބޯޅަ ލެޖެންޑް އިބްރަހިމޮވިޗް ފެނިގެންދާ މަންޒަރާ ގުޅިގެންނެވެ. އެ ވީޑިއޯގައި މުބާރާތް ބާއްވާ ގައުމުތަކުގެ ތެރޭގައި ކެނެޑާ އޮތްކަން އެނގުމުން، އޭނާ ހައިރާންވެފައި ހުންނަ މަންޒަރު ފެނެއެވެ. މި ވީޑިއޯއާ އެކު، ކެނެޑާއިން ވޯލްޑް ކަޕް ބާއްވާކަން އެ ގައުމުގެ އޮފިޝަލުންނަށް އެނގުނީ ދާދި ފަހުން ކަމަށް ބުނެ ގިނަ އަދަދެއްގެ މީމްތައް ވަނީ އުފައްދާފައެވެ.

ސޯޝަލް މީޑިއާގައި ކެނެޑާއަށް މަލާމާތް ރައްދުވި ނަމަވެސް، އެ ގައުމުގެ ގައުމީ ޓީމުން އަންނަނީ ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.