ފީފާ ވޯލްޑް ކަޕަށް ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމު ކޮލިފައި ނުވުމުން އެ ގައުމުގެ ސަޕޯޓަރުން މާޔޫސްވެފައި ތިއްބާ، ޗައިނާގެ ރެފްރީ މާ ނިންގު ގައުމީ ފަހުރަކަށް ވެއްޖެއެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ފަރާތަކީ އޭނާ ކަމަށްވުމުން، ސޯޝަލް މީޑިއާގައި އޭނާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

"ކާޑު މާސްޓަރު" ގެ ނަމުން މަޝްހޫރުވެފައިވާ މާ ނިންގު އަކީ ދަނޑުމަތީގައި ވަރަށް ހަރުކަށިކޮށް އުޅޭ ރެފްރީއެކެވެ. އޭނާގެ މި ތަފާތު މިޒާޖުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބި، އެކި ކުންފުނިތަކުގެ ސްޕޮންސަރޝިޕްތައްވެސް އޭނާއަށް ވަނީ ލިބެން ފަށާފައެވެ. މީގެ އިތުރުން އޭނާއާ ބެހޭ ގިނަ މީމްތަކެއްވެސް އަންނަނީ އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ދައުރުވަމުންނެވެ.

ޗައިނާގެ ފޭނުން ބުނާ ގޮތުގައި ގައުމީ ޓީމު މުބާރާތުގައި ނެތް ނަމަވެސް، މާ ނިންގު ފަދަ ހުނަރުވެރި ރެފްރީއަކު ވޯލްޑް ކަޕުގައި ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މިހާރު އޭނާގެ ފޮލޯވަރުންގެ އަދަދު އެތައް ލައްކައަކަށް އަރާފައިވާއިރު، އޭނާ ވެފައިވަނީ ޗައިނާގެ ފުޓްބޯޅައިގެ އާ ސަފްހާއަކަށެވެ.