ކްރޮއޭޝިއާ އަތުން ހަތަރު ލަނޑު ދެ ލަނޑުން އިންގްލޭންޑު މޮޅުވި ނަމަވެސް، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ހުރީ ކުޅުންތެރިންގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ކުޅުންތެރިން ތިބީ ބިރުން ކަމަށް ބުނެ، ހާފް ޓައިމްގައި ޓުޗެލް ވަނީ ކުޅުންތެރިންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ކުޅުންތެރިން ފުރަތަމަ ހާފުގައި ކުޅުނީ މެޗު ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، ނަތީޖާ ދިފާއުކުރުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ހެރީ ކޭން ޖަހައިދިން ދެ ލަނޑާ އެކު އިންގްލޭންޑުން ދެ ފަހަރު ލީޑު ނެގި ނަމަވެސް، ކްރޮއޭޝިއާގެ މާޓިން ބަޓުރީނާ އާއި ޕީޓާ މޫސާ ވަނީ ލަނޑުތައް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ މެދުތެރެއިން ކުޅުންތެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުނީ، ބަލިވި ނަމަވެސް ބަލިވާން ޖެހޭނީ އަމިއްލަ ގޮތުގައި ކުޅެގެން ކަމަށާއި، ބިރުން ފަހަތަށް ޖެހިގެން ނޫން ކަމަށެވެ. އަދި ހަތް ޑިފެންޑަރުން ބައިތިއްބައިގެން ކުޅުމުގެ ބަދަލުގައި، ކުރިއަށް ޖެހިގެން ކުރު ޕާސްތަކެއް ޖަހައިގެން ކުޅުމަށް އޭނާ އިރުޝާދު ދިނެވެ.
ކޯޗުގެ މި ހަރުކަށި ބަސްތަކާ އެކު، ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ އިންގްލޭންޑަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މާކަސް ރަޝްފޯޑު ވަނީ އިތުރު ލަނޑެއް ޖަހައި، އިންގްލޭންޑަށް މޮޅު ކަށަވަރުކޮށްދީފައެވެ. މި މޮޅާ އެކު އިންގްލޭންޑު މިހާރު އޮތީ ގްރޫޕު އެލްގެ އެއްވަނައިގައެވެ. އިންގްލޭންޑުން ދެން ނުކުންނާނީ ގާނާ އާއި ޕެނަމާއާ ދެކޮޅަށެވެ.
