ބޭންކިންގެ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، ފުވައްމުލައް އެއާޕޯޓުގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފި އެވެ. މިއީ އެ ސިޓީގައި ބެހެއްޓި ބީއެމްއެލްގެ ހަތަރުވަނަ އޭޓީއެމް އެވެ.
ފުވައްމުލައް އެއާޕޯޓުގައި ހުޅުވި މި އޭޓީއެމް މެދުވެރިކޮށް އާންމުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ އެވެ. އެގޮތުން 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ފުވައްމުލަކުގައި ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ސިޓީގައި ޑޮލަރު އޭޓީއެމެއް ވެސް ބީއެމްއެލްއިން ވަނީ ހުޅުވާފަ އެވެ. މިއީ އެ ސިޓީގެ ރައްޔިތުންނަށާއި އެ ސިޓީއަށް ޒިޔާރަތްކުރާ މީހުންނަށް ލިބުނު ބޮޑު ފަސޭހައެކެވެ.
މުޅި ރާއްޖެއަށް ބޭންކިން ނިޒާމު ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ބީއެމްއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމްތައް ބަހައްޓައިގެން، ބޭންކިން ހިދުމަތްތައް ހޯދުމުގައި އާންމުންނަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ބޭންކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
