ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުރާ ކަނޑުދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި ކުރުމަށްޓަކައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކަރަންޓުން ދުއްވާ 100 ވޯޓާ ޓެކްސީ ރާއްޖެއަށް ގެނައުމަށް އެމެރިކާގެ 'ނޭވިއާ' ކުންފުންޏާއި ޔޫއޭއީގެ 'ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް' އިން ނިންމައިފިއެވެ. މިއީ ރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ، ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގައި 'ނޭވިއާ ނެޓްވޯކް' ގެ ނަމުގައި ހާއްސަ ހިދުމަތެއް ގާއިމުކުރާނެއެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ރިސޯޓުތަކާއި، ޕްރައިވެޓް ވިލާތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް އެއް ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާގެ އެހީގައި ހިންގާ ނިޒާމެކެވެ. މި މަޝްރޫއުގެ ދަށުން ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި، ހައި-ޕާފޯމަންސް ހައިޑްރޯފޮއިލް އުޅަނދުތަކެކެވެ.

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން 2026 ވަނަ އަހަރު 'ނޭވިއާ އެން30' މޮޑެލްގެ ފަސް އުޅަނދު ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު 95 އުޅަނދު ގެނެސް ހިދުމަތް ފުޅާކުރާނެއެވެ. މިއީ މުޅި ދުނިޔޭގައި ވެސް ގާއިމުކުރާ މިފަދަ ފުރަތަމަ ފުލް-އިލެކްޓްރިކް ހައިޑްރޯފޮއިލް ޓްރާންސްޕޯޓް ނެޓްވޯކެވެ.

ނޭވިއާ ކުންފުނީގެ ބާނީ އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިޔާ ބުނި ގޮތުގައި، ރާއްޖެއަކީ ކަނޑުދަތުރުފަތުރަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން، މިއީ ކަނޑުދަތުރުފަތުރުގެ ނިޒާމަކީ ސާފު، އަޑުމަޑު އަދި ޓޫރިސްޓުންގެ ތަޖުރިބާ ރަނގަޅުކޮށްދޭ ނިޒާމަކަށް ހެދިދާނެކަން ސާބިތުކޮށްދިނުމަށް އެންމެ އެކަށީގެންވާ ގައުމެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ ކަނޑުމަތީގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ދަތުރުފަތުރުގެ ނެޓްވޯކް ބިނާކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ބުނީ، ރާއްޖެއަކީ އަބަދުވެސް މަތީ ފަންތީގެ ޓޫރިޒަމްގައި އެންމެ ކުރީގައި އުޅޭ ގައުމެއް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ޖަޒީރާ ގައުމަކަށް ވުމާއެކު، މުސްތަގުބަލުގައި ކަނޑުދަތުރުފަތުރުގެ ނިޒާމު އޮންނާނެ ގޮތް ދުނިޔެއަށް ދައްކުވައިދިނުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް އޭނާ ބުންޏެވެ. މި އުޅަނދުތަކަކީ ކަރަންޓުން 75 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ، އެއާކޮންޑިޝަން ކޮށްފައިވާ ކެބިންތަކާއި ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ލިބޭނެ އުޅަނދުތަކެކެވެ.