މާލޭ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މި ހިދުމަތް ފެށީ ވިލިމާލޭގެ ރައްޔިތުންނަށް ތިމާވެއްޓާ ރައްޓެހި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ވިލިމާލޭގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރާއި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ވިލިމާލޭގައި މިވަގުތު ހިދުމަތަށް ނެރެފައިވަނީ ޖުމުލަ ހަތަރު އީވީ ކާރެވެ. މީގެ ތެރޭގައި ހިމެނެނީ ޗަންގަންގެ ލުމިން މޮޑެލްގެ ދެ ކާރާއި އެސް.ޒީރޯ ހަތެއް މޮޑެލްގެ ދެ ކާރެވެ. މި ހިދުމަތަކީ 24 ގަޑިއިރު ލިބޭނެ ހިދުމަތެއް ކަމަށާއި، ދަތުރުތަކަށް އަގު ނަގާނީ ޓްރާންސް ޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ހިދުމަތް އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް މި ފެށުނު ހިދުމަތަކީ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވީހާވެސް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ ބައެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލޭގައި ޓެކްސީ ބުކް ކުރުމަށްޓަކައި ކަސްޓަމަރުންނަށް "މާލެ ޓެކްސީ އެޕް" ބޭނުންކުރެވޭނެ އެވެ. މީގެ އިތުރުން، އެޕްލިކޭޝަން ބޭނުންކުރުމަށް އުނދަގޫވާ ފަރާތްތަކަށާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީގެ ހިދުމަތް ހޯދޭނެ އެވެ.

މި ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ހުރިހާ ޑްރައިވަރުންނަކީ ހާއްސަ އިންޓަވިއުއަކަށް ފަހު ހޮވައި، ތަމްރީނު ދީފައިވާ މުވައްޒަފުން ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ލުއިފަސޭހަ އަދި އަގުހެޔޮ ހިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.