4 ފެބްރުއަރީ 2008 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އައިޝަތު ޔުމްނުއަކީ އެތަކެއް ހުނަރުތަކެއް ލިބިފައިވާ މައިންބަފައިން ފަޚުރުވެރިވާ ފަދަ ސާދާ މިޒާޖެއްގެ ވެރިއެކެވެ. މޭނާ ސުކޫލުގައި އޭލެވެލް ކިޔަވަމުންދާ އުމުރުން 18 އަހަރުގެ ޔުމްނުއަކީ އެ ސުކޫލު މީޑިއާ ކުލަބުގައި ހީވާގިކަމާއެކު މަސައްކަތް ކުރާ ކުއްޖެކެވެ. ކިޔެވުމުގެ އިތުރުން އައު ތަޖުރިބަާތައް ކުރުމާއި، މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ފޮޓޯނެގުމަކީ ޔުމްނު ގަޔާވާ ކަމެކެވެ.
އޭނާއަކީ ހީވަގި، ކަންކަން ކުރަން ކެރޭ ކުއްޖެކެވެ. ވެހޭތާ ފެން ނަގާށޭ ބުނާ ބީދައިން ލިބޭ ފުރުޞަތުތަކުގައި އޭނާގެ ހުނަރު މީހުންނަށް ދައްކާލެވޭތޯ އަބަދުވެސް މަސައްކަތް ކުރެއެވެ. އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށް، ފޮޓޯނަގައި ވީޑިއޯކުރުމަށް ޔުމްނުގެ ހިތުގައި އޮންނަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެއީ އޭނާ ނޭވާލުމާއި ގުޅިފައިވާ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދުނިޔެމަތީގައިވާ ޤުދުރަތްތެރިކަމަކީ އޭގެ ފުރިހަމަ ވާހަކަ ގަލަމުންވެސް ބަޔާން ނުކުރެވޭނެ ފަދަ މަންޒަރުތަކެވެ. ޔުމްނު އެ ރީތިކަން އަންގައިދެނީ ކެމެރާ އެއްގެ ޒަރިއްޔާއިންނެވެ. ޔުމްނު ކިޔައިދިން ގޮތުގައި އޭނާގެ މި ހުވަފެނީ ދަތުރުގައި ކުލަޖެހުނީ މީގެ 5 ވަރަކަށް އަހަރު ކުރިންނެވެ. އޭރު އޭނާގެ އުމުރުަން 13 ނުވަތަ 14 އަހަރެވެ.
އެއީ އޭނާގެ ބޭބެގެ ކެމެރާއަކުންނެވެ. އެދުވަސްވަރު ކެމެރާއާ ބެހޭ މާބޮޑު އެއްޗެއް ނޭނގުން ނަމަވެސް ހާއްސަ ވަގުތުތައް ވީޑިއޯކޮށް، ފޮޓޯނަގައި ރައްކާކުރުމުން އޭނާގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. އެއްބަޔަކަށް ކުރާ ކަންކަމުން ދާއިމީ ހިތްހަމަޖެހުން ނުލިބުން ނަމަވެސް ފޮޓޯނެގުމަށް ޔުމްނު ހުރީ ދެވިހިފާފައެވެ. އެކަމަށް ހުރި ޝައުގަކާއި ލޯތްބެއްގެ ބޮޑުކަމުންނެވެ.

ޔުމްނުގެ މި ދަތުރުގައި އޭނާގެ އާއިލާއިން އޭނާއަށް އައްސައިބަހާއި ސާބަސް ދެމުން ދެއެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިވެދިނުމުގައި އޭނާގެ އާއިލާގެ ދައުރު ބޮޑެވެ. އެގޮތުން، ޔުމްނުގެ ކަޒިން އެއްގެ ފަރާތުން ލިބުނު އިންސްޕިރޭޝަންއަކީ ޔުމްނުގެ މި ހުނަރުތައް ފަރުމާކުރަން ލިބުނު ފަހި ފުރުޞަތެކެވެ. އޭނާ މިހާރު ބަލަނީ ވީޑިއޯ ނަގައި އުފައްދާއިރު މީހުން ހިތްދަމައިގަންނަ ގޮތަށް ވީޑިއޯ ތައްޔާރުކުރެވޭތޯއެވެ.
ޔުމްނުގެ އަޒުމަކީ އޭނާގެ އުފެއްދުންތަކުގެ ސަބަބުން މީހުން ކަންކަމާއިމެދު ވިސްނާ ގޮތް ބަދަލުކުރުމެވެ. އޭނާ ބޭނުންވަނީ އޭނާގެ އެ މަސައްކަތުން މީހުންގެ މޫނު މައްޗަށް އުޖާލާކަން ވެރިކުރާށެވެ. ޔުމްނު ދެކެނީ އޭނާގެ މި މަސައްކަތުން މީހެއްގެ ހިތަށް ކުޑަނަމަވެސް އުފަލެއް ލިބުމީ އޭނާގެ ލަނޑުދަނޑި ހާސިލް ކުރެވުނީ ކަމަށެވެ.
ފެންނަ ފެނުމަށް ފަސޭހަ ކަމެއް ކަމުގައި މީހުން ދެކުނު ކަމުގައި ވީ ނަމަވެސް ޔުމްނުކުރާ މި މަސައްކަތަކީ ނުގުޑޭ އަޒުމަކާއި ހިތްވަރެއް އޮވެގެން ކުރެވޭނެ ބުރަ މަސައްކަތެކެވެ.
އޭނާ ކިޔައިދިން ގޮތުގައި ވީޑިއޯގްރަފީ ވެގެން ދިޔައީ އޭނާއަށް ކުދި ކުދި ކަންކަމުގެ ތެރޭގައިވާ ރީތިކަން ދެނެގަނެވުނު ކަމަކަށެވެ. ޔުމްނު އޭނާގެ މި މަސައްކަތުގައި ގެންގުޅޭ ތަސައްވަރު އެހެން މީހުންނާއި އަޅާ ކިޔާއިރު ވަރަށް ސާފެވެ. ޔުމްނުއަށް ކެމެރާއަކީ ހަމައެކަނި ޑިވައިސް އެއް ނޫނެވެ. އެއީ އެތައް ހަނދާންތަކެއް ރައްކާކުރެވިފައިވާ މުހިއްމު އެއްޗެކެވެ.

މުސްތަގުބަލަށް ބަލައިލާ އިރު އޭނާ ގެންގުޅެނީ އުންމީދުތަކުން ފުރިފައިވާ ތަސައްވަރުތަކެކެވެ. ޔުމްނު ބުނި ގޮތުގައި ކިޔަވައި ނިމިގެން އޭނާ ކުރިއަށް ދާން ބޭނުންވަނީ މުދައްރިސެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން ހުސްވަގުތުތަކުގައި ފޮޓޯގްރަފީއާއި ވީޑިއޯގްރަފީގެ މަސައްކަތް ކުރިއަށް ގެންދަން އޭނާ ދަނީ ގަސްދުކުރަމުންނެވެ. ދިރިއުޅުން އޭނާ ކޮންމެ މިސްރާބަކަށް ގެންދިޔަ ނަމަވެސް ވީޑިއޯގްރަފީ އާއި ފޮޓޯގްރަފީ ދޫކޮށް ނުލާނެކަމުގެ ޔަގީންކަން އޭނާ ދިނެވެ.
ފޮޓޯގްރަފީއާއި ވީޑިއޯގްރަފީއަކީ މިހާރު އޭނާގެ އަމިއްލަވަންތަކަމާއި ގުޅިފައިވާ ކަމެކެވެ.އެއީ އޭނާގެ މައިގަނޑު ވަޒީފާއަށް ނުވި ކަމުގައި ވިޔަސް، ކުޑައިރުއްސުރެ ކުރަމުން އައި އެ ލޯބި، މުޅި އުމުރަށް ދަމަހައްޓަން އޭނާ ބޭނުންވެއެވެ. އެއީ މިހާރު އޭނާގެ އަމިއްލަ ނަފްސާ ވަކިނުކުރެވޭނެ މުހިންމު ބައެކެވެ.
އޭނާގެ މި ތަޖުރިބާތަކުން ކިޔުންތެރިންނަށް ފޯރުކޮށްދޭން އެދޭ މުހިންމު މެސެޖެއް ވެއެވެ. އެއީ ތިބާގެ އުންމީދުތަކާއި ހުވަފެންތައް ކޮންމެ މީހަކަށް ބަލައިނުގަނެވިދާނެއެވެ. އެއީ ތިބާ ހާސްވެ ހުވަފެންތައް ދޫކޮށްލަންޖެހޭ ކަމެއް ނޫނެވެ. ބައެއް ފަރާތްތަކުން ތިބާގެ ގާބިލިއްޔަތާމެދު ސުވާލު އުފައްދައި، ހިތްވަރު އެލުވާލަން މަސައްކަތްކޮށް، އެ މަސައްކަތް ހުއްޓާލުމަށް ވެސް ލަފާދީފާނެއެވެ. އެހެންނަމަވެސް، ތިބާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ ކަމެއްނަމަ، އެކަމެއްގައި ސާބިތުކަމާއެކު ދެމިހުންނާށެވެ. އެންމެ ފަހު ބަހެއް ގޮތުގައި އޭނާ ބުނީ މީހަކު ތިބާއަށް އިތުބާރު ނުކުރި ކަމުގައި ވީ ނަމަވެސް ތިބާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުވާ ނުލާށެވެ.
ލިބުނު ކެމެރާއަކާއި ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން މި ދަތުރު ފެށި އައިޝަތު ޔުމްނުގެ ފަރާތުން މި އިވުނު ބަސްތަކަކީ ވަރަށް ފުން މާނައެއް އޭގައި އެކުލެވޭ ވާހަކަތަކެކެވެ. ގިނަ ބަޔަކު ދުނިޔޭގެ ކަންކަން ހިނގާ ގޮތް ބަލަން ތިބޭއިރު، އައިޝަތު ޔުމްނު އިސްކަންދިނީ އެ ކޮންމެ ހަނދާނަކާއި މަންޒަރެއް، އަދި ކޮންމެ ހާދިސާއެއް ވަކިވަކިން ރައްކާކޮށް ބެލެހެއްޓުމަށެވެ. ޔުމްނުގެ މި ކުޑަ ދަތުރުންވެސް އަހަރެމެންނަށް މިވަނީ އެތައް ފިލާވަޅުތަކެއް ލިބިގެން ގޮސްފައެވެ.
“އަޅުގަނޑު ބޭނުންވަނީ އަޅުގަނގަޑުގެ ހަޔާތެގެ ވާހަކަތަކުގެ އަލީގަ މީހުން ހުވަފެންތަކުގައި ކުލަ ޖައްސަން ގަދައަޅާ މަސައްކަތް ކުރަން.”
