އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ އާންމު ސިއްހީ ނިޒާމަށް ބޮޑު ސިހުމެއް ގެނުވި ހާދިސާއެއްގައި، ވަގު އެމް.ބީ.ބީ.އެސް ޑިގްރީތަކާއި މެޑިކަލް ކައުންސިލްގެ ސައްހަ ނޫން ރަޖިސްޓްރޭޝަންތައް ބޭނުންކޮށްގެން ސަރުކާރުގެ ޑޮކްޓަރުންގެ ވަޒީފާ ހޯދައިގެން އުޅުނު ވަގު ޑޮކްޓަރުންގެ ބޮޑު ނެޓްވޯކެއް ފަޅާއަރުވާލައިފިއެވެ. އެގައުމުގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، މި މީހުން ވަނީ ކޮންމެ މެޑިކަލް ޑިގްރީއެއް ގަތުމަށްޓަކައި 10 ލައްކަ ރޫޕީސް ޚަރަދުކޮށްފައެވެ. މި މައްސަލައިގެ ސަބަބުން އެ ސްޓޭޓްގެ މުޅި ސިއްހީ ނިޒާމު މިހާރު ވަނީ ވަރަށް ބޮޑަށް ބަލައި ފާސްކުރަން ފަށާފައެވެ.

މި ބޮޑު އޮޅުވާލުން އެންމެ ފުރަތަމަ ފަޅާއަރާފައިވަނީ އެ ސްޓޭޓްގެ ދާމޯ ސަރަހައްދުންނެވެ. އެގޮތުން، ނޭޝަނަލް ހެލްތު މިޝަންގެ ދަށުން ކްލިނިކްތަކުގައި ވަޒީފާ އަދާކުރަމުންދިޔަ ތިން ޑޮކްޓަރަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް ހައްޔަރުކޮށްފައެވެ. ހައްޔަރުކުރެވުނު ތިން މީހުންނަކީ ޑރ. ކުމާރު ސަޗިން ޔާދަވް، ޑރ. ރާޖްޕާލް ގައުރް، އަދި ޑރ. އަޖޭ މައުރްޔާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީގެ ތެރެއިން ސަޗިން ޔާދަވް އާއި ރާޖްޕާލް ގައުރް މަސައްކަތް ކުރަމުންދިޔައީ ދާމޯގެ ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ކްލިނިކްތަކުގައެވެ. އަދި އަޖޭ މައުރްޔާ ވަޒީފާ އަދާކުރަމުންދިޔައީ ޖަބަލްޕޫރުގައި ހުންނަ ސިއްހީ މަރުކަޒެއްގައެވެ. ބިރުވެރި ކަމަކީ، މި ތިން މީހުންވެސް އެއްވެސް ޖެހިލުމެއް ނެތި، ޑޮކްޓަރުންގެ ނަމުގައި ރައްޔިތުންނަށް ފަރުވާދިނުމުގައި ދެ އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ ވަޒީފާގައި ދެމިތިބި ކަމެވެ.