ބޮޑުކަންނެލީގެ މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ހޯދައިދެވޭނީ މިފްކޯ އަލުން އެ މަސައްކަތުގެ ތެރެއަށް ވައްދައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު އާންމުކުރި "ދަ ޕަލްސް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިފްކޯ އަލުން މި މަސައްކަތުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރިއަށްދާނީ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވުމާ އެކުގައި ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މަސްވެރިކަމުގެ މުޅި ސިނާއަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ފެށި މަސައްކަތްތަކުން މިހާރުވެސް ރަނގަޅު ނަތީޖާއެއް ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގައި ހިފެހެއްޓުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ކަނޑައަޅާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އުންމީދަކީ ކުރިމަގުގައި އެ އަގު އެއަށްވުރެވެސް މަތިކުރެވޭނެ މަގުތަކެއް ހޯދުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމަށް ބޭރުގެ ބާޒާރުތަކުން ފުރުސަތުތައް ހޯދުމަށް ކުރާ މަސައްކަތްތަކަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
