މިއަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗަށްފަހު މެސީ ދަނޑުމަތީގައި ވަރަށް ބޮޑަށް ދެރަވެ ކަރުނައެޅި މައިގަނޑު ސަބަބަކީ އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި، އެ ދަނޑިވަޅުގައި އޭނާގެ ބައްޕަ މަރުވި ކަމަށް ބުނެ ފެތުރުނު ދޮގު ހަބަރުތަކުގެ ސަބަބުން ލިބުނު ފުން ހިތާމައާ ގުޅިގެންނެވެ.

ޖޫން 18، ގައި ލިއޮނަލް މެސީގެ އާއިލާއިން ނެރުނު ބަޔާނެއްގައި، އޭނާގެ ބައްޕަ ހޯހޭ މެސީ ސިއްހީ މައްސަލައަކަށް ފަރުވާ ހޯދަމުންދާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މެސީގެ އާއިލާއިން ހާމަކުރި ގޮތުގައި، އުމުރުން 68 އަހަރުގެ ހޯހޭ މެސީ މިހާރު އަންނަނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ހޯދަމުންނެވެ. އޭނާއަށް ދިމާވެގެން އުޅޭ ސިއްހީ މައްސަލައިގެ ތަފްސީލު އާއިލާއިން ހާމަކޮށްފައި ނުވި ނަމަވެސް، ފަރުވާއަށްފަހު އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެހެންނަމަވެސް، މި ދަނޑިވަޅަކީ މުޅި އާއިލާއަށްވެސް ނުހަނު ދަތި އަދި ހިތްދަތި ވަގުތެއް ކަމަށް އާއިލާއިން ބުންޏެވެ.

ބައްޕަގެ ބަލިހާލަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފެތުރުނު ދޮގު ހަބަރުތަކާއި، ހާއްސަކޮށް އޭނާ މަރުވި ކަމަށް ބުނެ ދެކެވުނު ވާހަކަތައް މެސީގެ އާއިލާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިފަދަ ނާޒުކު ވަގުތެއްގައި ހަބަރު ފެތުރުމުގައި ޒިންމާދާރުވުމަށާއި، އާއިލާގެ ސިއްރުތަކަށް އިހުތިރާމުކޮށް އިންސާނިއްޔަތުކަން އިސްކުރުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ. މި ވަގުތު އޭނާގެ ބަލިހާލަތުގެ ތެދު ހަބަރު އެނގޭނީ ހަމައެކަނި އާއިލާގެ ގާތް މީހުންނަށް ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.