އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާ ފަންނުވެރިކަމަށް ނުވަތަ "އޭއައި އާޓްސް" އަށް އެކަނި ޚާއްސަކޮށްގެން ދުނިޔޭގައި ހުޅުވާ ފުރަތަމަ މިއުޒިއަމް، އެމެރިކާގެ ލޮސް އެންޖެލިސްގައި ހުޅުވަން ތައްޔާރުވެއްޖެއެވެ. "ޑޭޓަލޭންޑް" ގެ ނަމުން ނަންދެވިފައިވާ މި މިއުޒިއަމަކީ އޭއައި އާޓަށް އެކަނި ޚާއްސަ ފުރަތަމަ މިއުޒިއަމް ކަމަށް އެތަނުން ބުނެއެވެ. ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މިއުޒިއަމް ހުޅުވުމާއެކު ޓެކްނޮލޮޖީއާއި ފަންނުވެރިކަން އެއްވެގެންދާ އައު ދާއިރާއަކަށް މަގުހުޅުވިގެންދާނެއެވެ.
މި މިއުޒިއަމްގެ އެތެރެ ފަރުމާކުރެވިފައިވަނީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ވަރަށް ކުލަގަދަ އަދި ޑިޖިޓަލް މާހައުލެއްގެ ސިފައެއްގައެވެ. ސީ.އެން.އެން ގެ ރިޕޯޓަރު ޖޮން ސާލިން މިކަމާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުޖުތަމައުގައި އޭއައިގެ މަގާމާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިފަދަ މިއުޒިއަމަކަށް އެމެރިކާ ތައްޔާރުތޯ ވަނީ ސުވާލު އުފެދިފައެވެ.
މި ޒަމާނުގައި އޭއައިގެ ސަބަބުން އިންސާނުންގެ އަމިއްލަ ފަންނުވެރިކަމަށް ކުރާނެ އަސަރުތަކާ މެދު ދުނިޔޭގެ އެކި ކޮޅުތަކުގައި ބޮޑެތި ބަހުސްތައް ކުރެވެމުންދެއެވެ. މިފަދަ މާހައުލެއްގައި ޑޭޓަލޭންޑް މިއުޒިއަމް ހުޅުވުމަކީ ބައެއް ފަރާތްތަކުން އުފަލާއެކު ބަލައިގަންނަ ކަމަކަށް ވިޔަސް، އާޓިސްޓުންނާއި ބައެއް އާންމުން މިކަމާ މެދު ދެކެނީ ނުތަނަވަސްކަމާއެކުގައެވެ. ނަމަވެސް، މި މިއުޒިއަމް ވެގެންދާނީ މުސްތަގުބަލުގައި ފަންނުވެރިކަން ބަދަލުވަމުންދާނެ ގޮތް ދައްކުވައިދޭ ތަފާތު ތަޖުރިބާއަކަށެވެ.
