އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯޅަ ލީގު (އެންބީއޭ) ފައިނަލްގައި މިއަދު ކުޅުނު މެޗުގައި ފީނިކްސް ސަންސްގެ މައްޗަށް 105-98 އިން ކުރިހޯދައި، މިލްވައުކީ ބަކްސް އިން އެ މުބާރާތުގެ ޗެމްޕިއަންކަން 50 އަހަރުގެ ތެރޭގައި ފުރަތަަމަ ފަހަރަށް ހޯދައިފި އެވެ.
މިއީ އެ ޓީމުން އެންބީއޭ ޗެމްޕިއަންކަން ހޯދީ ދެވަނަ ފަހަރެވެ.
ބަކްސް އިން މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންބީއޭ ފައިނަލްސްގެ ބެސްޓް އޮފް ސެވަން ސީރިޒް 4-2 އިން ކާމިޔާބުކޮށްގެންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު އެންބީއޭ ފައިނަލްސްގައި ކުޅުނު ފަސް މެޗަށް ފަހު ބަކްސް އޮތީ 3-2 އިން ކުރީގައެވެ. މި ސީރީޒްގެ ފުރަތަަމަ ދެ މެޗަށް ފަހު ސަންސް އިން 2-0 ގެ ތަފާތަކުން ކުރިހޯދައިފައިވަނިކޮށް ބަކްސް އިން ދެން ޖެހިގެން އައި ތިން މެޗު ކާމިޔާބު ކޮށް މި ސީރީޒްގައި ފުރަތަަމަ ފަހަރަށް ވަނީ ލީޑް ނަގާފައެވެ.
މި ފަހަރުގެ އެންބީއޭ ފައިނަލްސްގެ ފުރަތަަމަ ދެ މެޗު ސަންސް އިން ކާމިޔާބުކުރީ 118-105 އަދި 118-108 އިންނެވެ. އެކަމަކު، ދެން ޖެހިގެން އައި ތިން މެޗުން ބަކްސް ކުރިހޯދީ 120-100، 109-103 އަދި 123-119 އިންނެވެ.
މިލްވައުކީގެ ފިސާވް ފޯރަމް އެރީނާގައި މިއަދު ކުޅުނު އެންބީއޭ ފައިނަލްސްގެ ހަވަނަ މެޗުގެ ފުރަތަަމަ ކުއާޓާ އަށް ފަހު ބަކްސް އޮތީ 29-16 އިން ކުރީގައެވެ. ނަމަވެސް، ދެން ޖެހިގެން އައި ދެވަނަ ކުއާޓާގައި 31-13 ގެ ތަފާތަކުން ކުރިހޯދައި ސަންސް އިން ހާފު ނިންމާލި އިރު އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު އެވެ.
ބަކްސް އިން ދެން ޖެހިގެން އައި ދެ ކުއާޓާ 35-30 އަދި 28-21 އިން ކާމިޔާބުކޮށް، އެންބީއޭގެ ޗެމްޕިއަންކަން ކަށަވަރުކުރީ 13 ޕޮއިންޓްގެ ލީޑަކާއެކު އެވެ. މި މެޗުން ބަކްސް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ގްރީސްގެ ޕަވާ ފޯވާޑް ޖިއާނިސް އެންޓެޓޯކޫންމްޕޯ އެވެ. ޖިއާނިސް ވަނީ 50 ޕޮއިންޓާ އެކު 14 ރީބައުންޑް ނަގައި، ފަސް ޝޮޓް ބްލޮކް ކޮށްފައެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޖްރޫ ހޮލިޑޭ 12 ޕޮއިންޓާއެކު 11 އެސިސްޓް ހަދައި ނުވަ ރީބައުންޑް ނެގިއިރު،ކްރިސް މިޑްލްޓަން 17 ޕޮއިންޓް ހެދި އެވެ.
ސަންސްގެ އިތުބާރު ޕޮއިންޓް ގާޑް ކްރިސް ޕޯލް 26 ޕޮއިންޓާއެކު ފަސް އެސިސްޓް ހެދިއިރު، އެންމެ ފަހުން ކުޅުނު ދެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެވިން ބޫކާ އަށް ނެގުނީ 19 ޕޮއިންޓެވެ. އެ ޓީމުގެ ޕަވާ ފޯވާޑް ޖާއެ ކްރައުޑާ 15 ޕޮއިންޓާއެކު 13 ރީބައުންޑް ނެގިއެވެ.
މި މެޗުން ހޯދީ މޮޅާއެކު ބަކްސް ވަނީ އެންބީއޭގެ ތާރީޚުގައި ފައިނަލްގެ ފުރަތަަމަ ދެމެޗުން ބަލިވުމަށް ފަހު ޗެމްޕިއަންކަން ހޯދި ފަސްވަނަ ޓީމުގެ އިތުރުން، 2006 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޑަލަސް މެވްރިކްސްގެ މައްޗަށް މިއާމީ ހީޓް ކުރިހޯދިފަހުން، ފުރަތަަމަ ދެމެޗުން ބަލިވެ، ދެން ޖެހިގެން އައި ހަތަރު މެޗު ކާމިޔާބު ކޮށްގެން ޗެމްޕިއަންކަން ހޯދި ފުރަތަަމަ ޓީމުގެ ޝަރަފު ހޯދާފައެވެ.
