ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ގިނައިން މޭވާއާއި ތަރުކާރީ ކެއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ނަމަވެސް، އައު ދިރާސާތަކުން ދައްކާގޮތުގައި ހަމައެކަނި ގިނައިން މޭވާއާއި ތަރުކާރީ ކެއުމަކުން ހިތުގެ ސިއްހަތު މުޅިން ރައްކާތެރިއެއް ނުކުރެވޭނެއެވެ. ހިތުގެ ދުޅަހެޔޮކަމުގެ ހަގީގީ ސިއްރަކީ ކާ މިންވަރަށްވުރެ ބޮޑަށް، ހިތް ރައްކާތެރިކޮށްދޭ ޚާއްސަ މާއްދާތައް ހިމެނޭ ރަނގަޅު ބާވަތްތައް ބަލައިގެން އިޚްތިޔާރު ކުރުމެވެ.

ޖޫން، 2026 ގައި "ޔުނިވަރސިޓީ އޮފް ރީޑިންގ" އިން ހާމަކުރި އައު ދިރާސާއަކުން ދައްކާގޮތުގައި، ދުވާލަކު މޭވާއާއި ތަރުކާރީގެ ފަސް ސާވިންގ ކެއުމުންވެސް ހަށިގަނޑަށް އެންމެ އެކަށީގެންވާ ފައިދާ ނުލިބިދާނެއެވެ. އެއީ ތިމާ ކާ ބާވަތްތަކުގެ ތެރޭގައި ހިތުގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާ "ފްލެވަނޯލްސް" ކިޔާ މާއްދާއެއް އެކުލެވޭ ކާނާ މަދުވުމުގެ ސަބަބުންނެވެ. މި މާއްދާއަކީ ހިތުގެ މަސައްކަތްތައް ވަރުގަދަކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބާވަތެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، އަޅުގަނޑުމެން ކާ ކާނާގައި ފްލެވަނޯލްސްގެ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްލެވިދާނެ ބައެއް ޚާއްސަ ބާވަތްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ކަޅުކުލައިގެ ބެރީސް ނުވަތަ ބްލެކްބެރީސް،، އާފަލު، ފާގަ ނުވަތަ ބްރޯޑް ބީންސް، ޗެރީސް، އަދި ގްރީން ޓީ ހިމެނެއެވެ. މި ތަކެތި ކެއުމުގައި ހިމެނުމުން ހަށިގަނޑަށް ބޭނުންވާ، ހިތް ރައްކާތެރިކޮށްދޭ މާއްދާ ވަރަށް ފަސޭހައިން ލިބިގެންދެއެވެ.

މި ހޯދުމުގެ ސަބަބުން، އަޅުގަނޑުމެން ދުވާލަކު ކާންޖެހޭ މޭވާއާއި ތަރުކާރީގެ ތާވަލު ރާވާލާއިރު، މި ބާވަތްތައް ހިމެނުމަށް ސިއްހީ މާހިރުން މިހާރު ލަފާދެއެވެ. ގިނަ ފަހަރަށް ބާޒާރުން މޭވާ ގަންނައިރު ހަމައެކަނި އަދަދަށް ނުވަތަ ބަރުދަނަށް ބެލުމުގެ ބަދަލުގައި، ހިތަށް އެންމެ ފައިދާހުރި މާއްދާތައް އެކުލެވޭ ކާނާ ވަކިން ދެނެގަނެގެން ކެއުމަކީ ލޭގެ ހިނގުން ރަނގަޅުކޮށްދީ، ހިތުގެ ބަލިތަކުން ދުރުހެލިވުމަށް އެޅޭނެ ބޮޑު ފިޔަވަޅެކެވެ.

ދުޅަހެޔޮ ކާނާ ކާ މީހެއްގެ ގޮތުގައި ހީކޮށްގެން އަޅުގަނޑުމެން ތިބި ނަމަވެސް، މި މުހިންމު ފްލެވަނޯލްސް މާއްދާ މަދުވުމަކީ ހިތަށް ލިބޭ އުނިކަމެކެވެ. އެހެންކަމުން، މިއަދުން ފެށިގެންވެސް ކެއުމުގެ ތާވަލަށް އާފަލާއި، ބެރީސް އަދި ގްރީން ޓީ ފަދަ ތަކެތި އިތުރުކޮށް، ތިމާގެ ހިތުގެ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާށެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.