ފަރަންސޭސި ކޯޓަކުން ރޭޕްގެ ދައުވާއެއްގައި ޝަރީއަތް ކުރަން ނިންމުމާ ގުޅިގެން، މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ އޭނާގެ ހިމޭންކަން މުގުރާލައި، އޭނާއަކީ މަޝްހޫރު މީހަކަށް ނުވިނަމަ އެ މައްސަލަ ނޯންނާނެ ކަމަށް ހުކުރު ދުވަހު ބުނެފިއެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި އޭނާ ބުނީ، މި މައްސަލައިގައި އޭނާ ފަސޭހަ ޓާގެޓަކަށް ވެފައިވާ ކަމަށާއި، އެންމެ ފަހުން އޭނާއަށް ވެސް ވާހަކަ ދެއްކޭނެ ދުވަސް އައިސްފި ކަމަށެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ބުނީ، އިންސާފުވެރި ނިންމުމެއް އަންނާނެ ކަމަށް ގަބޫލުކޮށް މިދިޔަ އަހަރުތަކުގައި ހުރީ ހިމޭނުން ކަމަށެވެ. ނަމަވެސް މިއަދު އޭނާގެ އާއިލާއާއި އަމިއްލަ ދިރިއުޅުމުގެ އަގުވައްޓާލުމަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި ޝަރީއަތުގެ ފުރަތަމަ ދުވަހުން ފެށިގެން މި ދުވަހަށް އިންތިޒާރު ކުރަމުން އައި ކަމަށާއި، މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝަރީއަތް ފަށަން ކަމަށް ވެސް ހަކީމީ ބުންޏެވެ.

ހަކީމީގެ މައްޗަށް ތުހުމަތު ކުރަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕެރިހުގައި ހުންނަ އޭނާގެ ގޭގައި އުމުރުން 24 އަހަރުގެ އަންހެނަކު ރޭޕް ކުރި ކަމަށެވެ. ކޯޓުގެ ނިންމުން އައި ދުވަހު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅެ 1-0 އިން މޮރޮކޯ މޮޅުވި މެޗުގައި އޭނާ ވަނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ. ދަނޑުމަތީގައި ބައެއް ސަޕޯޓަރުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށް މޮރޮކޯގެ ކޯޗު ވަނީ ބުނެފައެވެ.