އެމެރިކާގެ ނޯތު ކެރޮލައިނާގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަރިތަކުރުންތަކުގެ ތެރެއިން، ޖަރުމަނު ޓީމުގެ ޓްރެއިނިން ކޭމްޕު ސަރަހައްދުން ވިހަގަދަ ހަރުފައެއް ފެނުމާ ގުޅިގެން މުޅި ޓީމުގެ ތެރޭގައި ބޮޑު ބިރުވެރިކަމެއް އުފެދިއްޖެއެވެ. މިކަން ހިނގާފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތެރެއިން މި ޖޫން މަހު، ކުޅުންތެރިންނާއި އޮފިޝަލުން ކޭމްޕުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މިކަމާ ގުޅިގެން ޖަރުމަނު ޓީމުގެ ކެޕްޓަން ޖޯޝުއާ ކިމިކް ބުނީ، އެ ސަރަހައްދުން ފެނުނީ ވިހަގަދަ ހަރުފައެއް ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ހަރުފަ ދަތްއަޅައިފިނަމަ މީހާ މަރުނުވި ނަމަވެސް، ހޮސްޕިޓަލަށް ދާންޖެހޭނެތީ އެއީ ނުރައްކާތެރި އެއްޗެއްކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ޖަރުމަނުގައި އެފަދަ ނުރައްކާތެރި ޖަނަވާރުތައް ނޫޅޭތީ، އެމެރިކާގެ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނާ މެދު ފަހުރުވެރިވާ ކަމަށާއި، ޓީމުން މަސައްކަތް ކުރަނީ ޖަނަވާރުތަކާ ދުރުން އުޅުމަށް ކަމަށް ވެސް ކިމިކް ބުންޏެވެ.
ޖަރުމަނު ޓީމަށް ފެނިފައިވަނީ އެމެރިކާގެ ސަރަހައްދުތަކުގައި އާންމުކޮށް އުޅޭ "ކޮޕަހެޑް" ނަމަކަށް ކިޔާ ހަރުފައެކެވެ. މިއީ ދަތްއަޅައިފިނަމަ އަވަހަށް ފަރުވާ ހޯދަންޖެހޭ ވިހަގަދަ ހަރުފައެއް ނަމަވެސް، މީގެ ސަބަބުން މީހުން މަރުވުމަކީ ވަރަށް ނާދިރު ކަމެކެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަނު ޓީމަށް ފެނުނު ހަރުފަ އަކީ ވިހަގަދަ އެއްޗަކަށް ނުވުން އެކަށީގެންވެއެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވޯލްޑް ކަޕްގައި ވާދަކުރާ އެހެން ޓީމުތަކުން ވެސް އަންނަނީ އެ ސަރަހައްދުގެ ޖަނަވާރުތަކަށް ވަރަށް ބޮޑަށް ސަމާލުވަމުންނެވެ.
