ދެހާސް ސައްބީސް ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް ނޯވޭ ގައުމީ ފުޓުބޯޅަ ޓީމުން އެމެރިކާގެ ނޯތު ކެރޮލައިނާއަށް ދިޔައިރު، ކުޅުންތެރިންގެ ސިއްހަތާއި ކެއިންބުއިމުގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމުގެ ބޭނުމުގައި އެ ގައުމުން 1000 ކިލޯގެ ކާބޯތަކެތި ގެންގޮސްފިއެވެ. މިއީ 1998 ވަނަ އަހަރަށްފަހު ނޯވޭއިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ނޯވޭ ޓީމުން ގެންދިޔަ ތަކެތީގެ ތެރޭގައި 300 ކިލޯގެ މަހާއި، 116 ކިލޯގެ ބްރައުން ޗީޒް އަދި 6000 އޮރެންޖު ހިމެނެއެވެ. މި ތަކެއްޗާއެކު ނޯވޭގެ ތިން ޝެފުންވެސް އެމެރިކާއަށް ދިޔައިރު، އެ މީހުން ދުވާލަކު ހަތަރު ފަހަރު ޓީމުގެ 60 އަށް ވުރެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކާންދޭނެއެވެ. މި ޝެފުންނަށް އިސްކޮށް ހުރީ ކެއްކުމުގެ ދާއިރާއިން ރަން މެޑަލް ހޯދާފައިވާ މަޝްހޫރު ޝެފް އެރޮން އެސްޕެލަންޑެވެ.
ނޯވޭ ޓީމުގައި ހިމެނޭ އާލިން ހާލަންޑާއި މާޓިން އޮޑެގާޑް ފަދަ މަޝްހޫރު ކުޅުންތެރިންނަށް ކެއިންބުއިމުގެ ކަންކަމަކީ ވަރަށް މުހިންމު ކަމެކެވެ. އެހާ ގިނަ އަދަދެއްގެ ކާއެއްޗެހި ގެންދިޔުމުގެ މައިގަނޑު ސަބަބަކީ އެމެރިކާގެ ކާއެއްޗެހި ކައިގެން ކުޅުންތެރިންގެ ބަނޑަށް އުނދަގޫވުމުގެ މައްސަލަތައް ދިމާވިޔަ ނުދިނުމާއި، ކުޅުންތެރިންނަށް ފަރިތަ ކާއެއްޗެހި ދިނުމެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ނޯވޭއިން އެމެރިކާގެ ކާއެއްޗެއްސަށް އިތުބާރު ނުކުރަނީ ކަމަށް ބުނެފައިވީ ނަމަވެސް، މިއީ ބޮޑެތި މުބާރާތްތަކުގައި ގިނަ ގައުމުތަކުން ކުރަމުން އަންނަ ކަމެކެވެ.
