ގާތްގަނޑަކަށް 500 އަހަރު ވެފައިވާ، ދުނިޔޭގެ އެންމެ ދުވަސްވީ ފުޓުބޯޅަ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާގެ މައޭމީގައި އާންމުންނަށް ދައްކާލުމަށް ނިންމައިފިއެވެ. ގިނިސް ވޯލްޑް ރެކޯޑުން ވެސް ޖާގަ ހޯދާފައިވާ މި ބޯޅަ ދައްކާލީ، ވޯލްޑް ކަޕްގައި ސްކޮޓްލެންޑާއި ބްރެޒިލް ވާދަކުރާ މެޗަށްފަހުއެވެ.

މިއީ 1540 އިން 1570 އާ ދެމެދު އުފައްދާފައިވާ ބޯޅައެއް ކަމަށް ތާރީހީ ހޯދުންތަކުން ދައްކައެވެ. އާންމުކޮށް ސްކޮޓްލެންޑްގެ ސްޓާލިން ސްމިތު އާޓް ގެލެރީ އެންޑް މިއުޒިއަމްގައި ބާއްވާފައި އޮންނަ މި ބޯޅައަކީ، އޫރު ބްލެޑަރު ބޭނުންކޮށްގެން ހަމުން ފަހާފައިވާ ބޯޅައެކެވެ. މިއީ މި ބޯޅައިގެ ދިގު ތާރީހުގައި ސްކޮޓްލެންޑުން ބޭރަށް ގެންދާ ފުރަތަމަ ފަހަރެވެ. މި ބޯޅަ ފެނިފައިވަނީ 1970 ގެ އަހަރުތަކުގެ ތެރޭގައި ސްކޮޓްލެންޑްގެ ސްޓާލިން ކާސަލްގެ ފާރެއްގެ ތެރެއިންނެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ސްކޮޓްލެންޑާއި ބްރެޒިލް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. މި މެޗާ ދިމާކޮށް ޖޫން 20 އިން 26 އަށް މައޭމީގެ ކޯރަލް ގޭބްލްސް މިއުޒިއަމްގައި މި ތާރީހީ ބޯޅަ އާންމުންނަށް ފެންނާނެހެން ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިއީ ފުޓުބޯޅައިގެ ތާރީހުގައި ސްކޮޓްލެންޑްގެ ހިއްސާ ދައްކުވައިދޭ މުހިންމު ރަމްޒެކެވެ.