އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގެ މެޗުގައި 3-0 އިން ހެއިޓީ ބަލިކޮށް، ބްރެޒިލް އިން އެ ޓީމު މުބާރާތުން ކަޓުވާލައިފިއެވެ. މި ނަތީޖާއާއެކު ބްރެޒިލް ވަނީ ފައިދާ ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނައަށް އަރާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް އިން ވަނީ އެ ޓީމުގެ ތިން ގޯލުވެސް ޖަހާފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މެތިއަސް ކޫންހާ ބްރެޒިލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭގެ 13 މިނެޓު ފަހުން އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ދެ ގޯލު ޖެހުމަށްވެސް މަގުފަހިކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކުރި ވިނީޝިއަސް ޖޫނިއާއެވެ.

މެޗުގެ ދެވަނަ ހާފުގައި އިތުރު ގޯލެއް ފެނިފައި ނުވި ނަމަވެސް، ބްރެޒިލް އިން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. 1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރި ހެއިޓީ މުބާރާތުން ކަޓާފައިވާއިރު، އެ ޓީމު ކުޅޭ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު މިއާމީގައި ބްރެޒިލް ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ.