ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު މޫސުން ގޯސްވެ، ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ. އެ އޮފީހުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރައިން ބުންޏެވެ.

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ނަމަވެސް ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ކުދި އުޅަނދުތަކުގައި ދަތުރުކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.