ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދުގައި އުޅޭ ހަތިޔާރު އެޅި ޖަމާޢްތަކުން ރަހީނުކުރި 100 މީހަކު އިއްޔެ ސަލާމަތްކޮށްފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.

ހަތިޔާރު އެޅި ޖަމާއަތުގެ މީހުން، މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު ރަހީނުކޮށްގެން ގެންދިޔަ 100 މީހުން މިނިވަންކުރި އިރު، އޭގެ ތެރޭގައި ގިނައީ ކިރުމައިންނާއި ކުޑަކުދިންނެވެ. ނައިޖީރިއާގެ ރަސްމީ އިދާރާތަކުން ބުނި ގޮތުގައި އެމީހުން ސަލާމަތްކުރަން ކުރި މަސައްކަތުގެ ތެރޭގައި، ހަތިޔާރު އެޅި ޖަމާއަތުގެ ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހުޅަނގު އުތުރު ނައިޖީރިއާގެ އަވަށެއް ކަމަށްވާ ޒަމްފަރާގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި ރަހީނުކުރެވުނު މީހުން ސަލާމަތް ކުރީ، ހަތިޔާރު އެޅި މީހުންނާ ފައިސާގެ މުއާމަލާތެއް ނުކޮށެވެ. ނަމަވެސް އެމީހުން ސަލާމަތްކުރީ ކިހިނެއް ކަމެއް ޒަމްފަރާގެ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ސަލާމަތް ކުރެވުނު މީހުން، އެމީހުންގެ އާއިލާތަކާ ހަވާލު ކުރުމުގެ ކުރިން، އެމީހުންގެ ސިއްހީ ހާލަތު ވަޒަންކޮށް ކައުންސެލިން ދޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ރަހީނުކުރުމުގެ ހާދިސާތައް އިތުރުވަމުން ދާތީ، ޒަމްފަރާ އާއި ކަޑޫނާ ސްޓޭޓް އަދި ކަޓްސީނާ ސްޓޭޓްގެ ރަށްފުށު ސަރަހައްދުތަކުގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތައް ނައްތައިލުމަށް، ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވަނީ ސިފައިންނަށް އަމުރު ކުރައްވައިފައެވެ.

ހަތިޔާރު އެޅި ޖަމާއަތްތަކާއި ދެކޮޅަށް މިދިޔަ ހަފުތާގައި، ނައިޖީރިއާގެ ވައިގެ ސިފައިން ދިން ހަމަލާތަކެއް ކުރިއަށް ދަނިކޮށް، ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު ދިން ހަމަލާއެއްގައި، އަސްކަރިއްޔާގެ މަތިންދާބޯޓެއްވެސް ވަނީ ވައްޓާލައިފައެވެ.