ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ "މޫދު ފެސްޓް 2026" ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފައްޓަވައިދެއްވައިފިއެވެ. މި ހަރަކާތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ކަނޑުތަކަކީ ދިވެހިންގެ އާދަކާދައާއި ސަގާފަތާ ގުޅިފައިވާ ވަސީލަތެއް ކަމަށެވެ. އަދި ދިވެހިންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ކަނޑުތަކުގެ މައްޗަށް ކަމަށްވާތީ، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް އެ ވަސީލަތްތައް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފެސްޓިވަލާ ބެހޭގޮތުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމކުރައްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ، މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދަންފަޅީގައި ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ހަރަކާތްތަކެއް ބާއްވާނެއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުރަތަމަ ދަންފަޅީގައި ކުރިއަށްދާނީ ކުޑަކުދިންނަށް ހާއްސަ "ޑިސްކަވަރ ޑައިވް" އާއި މުރަކަ އިންދުމުގެ ހަރަކާތްތަކެވެ. އަދި ދެވަނަ ދަންފަޅީގައި، ހަވީރު 3 އަކުން ފެށިގެން 6 އަކަށް ތަފާތު ސްޓޯލްތަކާ އެކު ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަރުމަސް މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.
