މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅައެއް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަށް ހަދިޔާކޮށްފިއެވެ. މި ބޯޅައަކީ ރައީސް މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ ހާއްސަ ބޯޅައެކެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ، އުއްޗުއަށް ހަދިޔާކުރި ބޯޅައަކީ ރައީސް މުއިއްޒު ސޮއިކުރައްވައި އެ މިނިސްޓްރީއަށް ހަދިޔާކުރެއްވި ބޯޅަތަކުގެ ތެރެއިން ބޯޅައެއް ކަމަށެވެ. އުއްޗުއާ މި ބޯޅަ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.
ރައީސް މުއިއްޒު ސޮއިކުރެއްވި ބޯޅައެއް އުއްޗުއަށް ހަދިޔާކުރިއިރު، ދާދި ފަހުން ސްޕޯޓްސް މިނިސްޓްރީން ވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނަށްވެސް މިފަދަ ބޯޅަތަކެއް ހަދިޔާކޮށްފައެވެ. މިނިސްޓްރީން ދަނީ މިއަހަރުގެ ވޯލްޑް ކަޕްގެ ފޯރި އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ވޯލްޑް ކަޕްގެ ފޯރި ގަދަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި، ބޮޑު ސްކްރީންގައި މެޗުތައް ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޔޫތު ހަބްގައި ހާއްސަ ގޭމިން ކާނިވަލެއް ބޭއްވުން ހިމެނެއެވެ.
