ގްރޭޓަރ މާލެ ސަރަހައްދުގައި އާންމުންނަށް ކުރިމަތިވެފައިވާ ދަތުރުފަތުރުކުރުމުގެ ދަތިތަކާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައްލެއް ގެނެސްދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ރައީސްގެ ސީދާ އިރުޝާދުގެ ދަށުން ކަމާ ބެހޭ ހުރިހާ އިދާރާތަކަކުން މިހާރު އަންނަނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވިލިމާލޭގައި އަލަށް ތައާރަފުކުރި 'މާލެ ޓެކްސީ ލައިން' ގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައާއި، އެއްގަމު އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ހުރި އުނދަގޫތަކުގެ އިތުރުން މަގުތައް ތޮއްޖެހުން ކުޑަކުރުމަށެވެ.
މި މައްސަލަތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ތަސައްވުރު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އިއުލާނުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ބޭރު މަގު އެމްޕީއެލް ސަރަހައްދާ ހަމައަށް ހަދައި ނިމިފައިވާއިރު، ފެރީ ޓާމިނަލާ ހިސާބަށް މަގު ފުޅާކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ.
މުޅި މާލެއާއި ވިލިމާލޭގެ މަގުތައް އެންމެ މަތީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާ ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ދަށުންނެވެ. މިއީ ރައީސް މުއިއްޒު 2023ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކަށަވަރުކުރެއްވި 130 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ހިންގާ އެންމެ އިސްކަންދޭ އެއް މަޝްރޫއެވެ. މި މަޝްރޫއު ފެށުމަށްޓަކައި ބޭނުންވާ ފަންނީ ސާވޭތައް މި މަހުގެ ކުރީކޮޅުން ފެށިގެން އަންނަނީ ކުރަމުންނެވެ.
މި ބިޔަ މަޝްރޫއު ނިމުމުން، ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ނިމުމެއް އައުމުގެ އިތުރުން، އުޅަނދުތަކާއި މަގުހިނގާ މީހުންނަށް ރައްކާތެރި އަދި ފަސޭހަ ނިޒާމެއް ގާއިމުވެގެންދާނެއެވެ. މިއާ އެކު ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.
