މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް ފަސް ޕަސަންޓު ދަށްވި ނަމަވެސް، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މާޗު މަހު ފެށުނު އިރާން ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް ކުރި ނޭދެވޭ އަސަރުތަކާއެކު ވެސް ލިބުނު ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,011,473 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 1،063،894 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 4.9 ޕަސަންޓު ދަށަށް ގޮސްފަ އެވެ.
މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ރާއްޖޭގެ ޓޫރިޒަމް ނަންބަރުތައް ވަރަށް ރަނގަޅަށް ހުރި ނަމަވެސް، މާޗު މަހުގެ ތެރޭގައި ފެށުނު އިރާން ހަނގުރާމައާއެކު ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެގޮތުން މާޗު މަހާއި އެޕްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 20 ޕަސަންޓު ދަށްވި އެވެ. ނަމަވެސް، މެއި މަހު 1.7 ޕަސަންޓުގެ ކުރިއެރުމެއް ޓޫރިޒަމް ނަންބަރުތަކަށް ވަނީ ލިބިފަ އެވެ. ޖޫން މަހުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ހުރީ މިދިޔަ އަހަރުގެ ޖޫން މަހަށްވުރެ 16.6 ޕަސަންޓު ދަށުގަ އެވެ.
ރާއްޖެއަށް މިހާތަނަށް އައި ޓޫރިސްޓުންގެ 68 ޕަސަންޓު ހިއްސާކުރަނީ އެންމެ 10 ގައުމަކުންނެވެ. މީގެ ތެރެއިން އެއްވަނައިގައި ޗައިނާ އޮތްއިރު ދެވަނައިގައި އޮތީ ރަޝިއާ އެވެ. މިއީ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން އައި ހަމައެކަނި ދެ ގައުމެވެ.
މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 2025 ވަނަ އަހަރު ރާއްޖެއަށް އައި ރެކޯޑު އަދަދާ އެއްވަރަށް މި އަހަރު ޓޫރިސްޓުން އައުމަކީ ދުރު ކަމެކެވެ. އެހެން ނަމަވެސް، 2024 ވަނަ އަހަރުގެ ނަންބަރުތަކާ ދާދި އެއްވަރަކަށް މި އަހަރު ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
