އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި މި މަހުގެ 15 ވަނަ ދުވަހު ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އާއި ޔުރޫގުއޭ އެއްވަރުވި މެޗުގައި، ސައުދީގެ ޑިފެންޑަރު ސައުދު އަބްދުލްހާމިދު ވަނީ އޭނާއަކީ އެ ގައުމުގެ ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ތަރިކަން ހާމަކޮށްދީފަ އެވެ. މި މެޗުގައި ސައުދު ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ މުޅި މެޗުގައި 9.264 ކިލޯމީޓަރުގެ ދުރުމިނަށް ދުވެ، ގަޑިއަކު 31 ކިލޯމީޓަރުގެ ބާރުމިނުގައި ދުވުމުގެ ރެކޯޑެއް ވެސް ހަދާފަ އެވެ.

އުމުރުން 26 އަހަރުގެ ސައުދު އަކީ އިޓަލީގެ ސެރީ އޭ ގެ ރޯމާ އާއި ފްރާންސްގެ ލީގު 1 ގެ ލެންސް އަށް ކުޅެ، މި ދެ ލީގުގައި ކުޅުނު ފުރަތަމަ ސައުދީ ކުޅުންތެރިޔާގެ ޝަރަފް ހޯދި ތާރީހީ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގުގައި ލަނޑު ޖެހި ފުރަތަމަ ސައުދީ ކުޅުންތެރިޔާގެ ޝަރަފާއި، ލެންސް އާއެކު ފްރާންސް ކަޕް ކާމިޔާބުކޮށް ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ސައުދީ ކުޅުންތެރިޔާގެ ޝަރަފް ވެސް އޭނާ ވަނީ ހޯދާފަ އެވެ. ލެންސްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އެ ކްލަބުން ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ އެ ކްލަބަށް ސޮއި ކުރުވާފަ އެވެ.

ސައުދީގެ ކޯޗު ޖޯޖިއޯސް ޑޯނިސް ވަނީ ސައުދުއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ސައުދު އަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ހުރި ނަމޫނާ އެކެވެ. ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ސައުދީ ކުޅުންތެރިޔާއަށް ވުމުގެ އަމާޒުގައި ހުރި ސައުދު ދެން އެންމެ އަވަހަށް ފެންނާނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންއާ ދެކޮޅަށް ސައުދީ ކުޅޭ މެޗުންނެވެ.