ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ރާއްޖޭގެ ސިއްހީ ދާއިރާގައި ފަންނީ މީހުން ބިނާކުރުމަށްޓަކައި، އަލަށް ތިން އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ތައާރަފުކޮށް އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުތައް ތައާރަފުކޮށްފައިވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަގުސަދުގައެވެ.

އެމްއެންޔޫއިން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) ގެ އިތުރުން ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ. މީގެ ތެރެއިން ސްޕީޗް-ލެންގުއެޖް ތެރަޕީ އާއި އޮކިޔުޕޭޝަނަލް ތެރަޕީ އަދި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭ އިމަޖެންސީ ފަރުވާގެ ދާއިރާތަކަކީ ތަމްރީނު ލިބިފައިވާ ފަންނީ މީހުންގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާ ދާއިރާތަކެއް ކަމަށް އެމްއެންޔޫއިން ބުންޏެވެ.

މި ތިން ދާއިރާއިން މީހުން ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެމްއެންޔޫއިން ބުނި ގޮތުގައި، މި ޕްރޮގްރާމުތަކަކީ އެލައިޑް ހެލްތް ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމުތަކެއް ކަމުން، ކާމިޔާބުކަމާއެކު ކިޔެވުން ނިންމާ ދަރިވަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސެންސް ލިބިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ބުނި ގޮތުގައި، މިއީ ހަމައެކަނި އާ އެކެޑެމިކް ޕްރޮގްރާމުތަކެއް ތައާރަފުކުރުމެއް ނޫނެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމެވެ. އަދި މިއީ ގައުމީ ފެންވަރުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުން ހާއްސަ ތައުލީމުގެ މަގުތައް ފަހިކޮށްދީ، ރައްޔިތުންނަށް އިންވެސްޓްކޮށް ސިއްހީ ނިޒާމު ވަރުގަދަކޮށް ގައުމުގެ ތަރައްގީއަށް މާނަވީ ގޮތެއްގައި ހިއްސާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ބުންޏެވެ.

މި ތިން ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެމްއެންޔޫގެ ޕޯޓަލް މެދުވެރިކޮށް 30 ޖުލައި 2026 ގެ 14:00 ގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ. އަދި ޕެރަމެޑިކް ސައިންސަސްއަށް ކުރިމަތިލާ ކެންޑިޑޭޓުން ނަފްސާނީ އަދި ޖިސްމާނީ ފިޓްނަސް އެސެސްމެންޓެއް ހަދަން ޖެހޭނެ ކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ. އިތުރު މައުލޫމާތު 1445 އިން ލިބޭނެއެވެ.

މީގެ އިތުރުން، މެރިޓައިމް ސްޓަޑީޒް، ސޯޝަލް ސައިންސަސް، އިންޖިނިއަރިން، ލޯ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނޭ ގޮތަށް މާސްޓާޒް އަދި ޕީއެޗްޑީ ޕްރޮގްރާމުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ގައުމީ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައ