ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އިއްޔެ އަލުން ފަށައިފިއެވެ. މި ދަތުރުތައް އަލުން ފަށާފައިވަނީ ސައުދީ އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ފުރުސަތުތައް ފަހިކޮށްދީ، މެދުއިރުމަތިން އަންނަ ޓޫރިސްޓުންނަށް ފަސޭހަ މަގުތަކެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލް އިން ބުނީ ފްލައިނާސް އިން ސައުދީގެ ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން ރާއްޖެ އައި ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވޯޓާ ސެލިއުޓަކާއެކު މަރުހަބާ ކިޔާފައެވެ. މީގެ އިތުރުން، އެ ބޯޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށްޓަކައި ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކޮށް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފްލައިނާސްގެ މި ދަތުރުތަކަކީ ވެސް އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.