އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ފަޟީލަތުއްޝައިހް އިސްމާއިލް މުހައްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، އުމުރުފުޅުން 85 އަހަރުގައި ޝައިހް އިސްމާއިލް އަވަހާރަވީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ޝައިހް އިސްމާއިލް އަވަހާރަވި ހަބަރު ލިބިވަޑައިގަތުމާއެކު، ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެއީ ފުން އަސަރުތަކެއް އިހްސާސްކުރުވި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ޝައިހް އިސްމާއިލަކީ ރާއްޖޭގައި އިސްލާމީ އިލްމު ފެތުރުއްވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ދިވެހި ދަރިވަރުންނަށް އަރަބިބަހުން ދީނީ އިލްމު އުނގަންނައިދެއްވުމަށްޓަކައި އެމަނިކުފާނު ވަނީ "މަދަރުސާ ތައިބާ" ގެ ނަމުގައި ހާއްސަ މަދަރުސާއެއް އުފައްދަވާފައެވެ. މިހާރުގެ ތައިބާ މިސްކިތް ހުރި ބިމުގައި ހިންގި އެ މަދަރުސާ ވެގެންދިޔައީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް އުފެދިގެންދިޔަ މައިގަނޑު ބިންގަލަށެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، އަށް ފޮތަށްވުރެ ގިނަ ފޮތް އެކުލަވައިލައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޝައިހް އިސްމާއިލަކީ ރާއްޖެއިން ބޭރުގައި ދީނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެތައް ދިވެހި ދަރިވަރުންނަކަށް ހޯއްދަވައިދެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ އެތައް ބޭފުޅުންނެއްގެ އުސްތާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ޝައިހް އިސްމާއިލަކީ ބައި ގަރުނަށްވުރެ ގިނަ ދުވަހު ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ވަނީ އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އަރުވާފައެވެ. މިއީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން މިފަދަ ޝަރަފެއް އެންމެ ފުރަތަމަ އެރުވި ބޭފުޅާއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، އަވަހާރަވި ޝައިހް އިސްމާއިލް މުހައްމަދުގެ އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ފޮނުއްވިއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިއުމަތުގައި އެމަނިކުފާނު ލެއްވުން އެދި ރައީސް ދުއާކުރެއްވިއެވެ.