މިދިޔަ މަހު ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ 81 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްފިއެވެ. މިކަން ހާމަވެފައިވަނީ އެ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުންނެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުއްޖަކަށް އަދި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.
މީގެ އިތުރުން، ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުދިންނަށް އަޅާނުލުމުގެ މައްސަލަތަކެވެ. އެފަދަ 18 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައަކާއި، ޖިސްމާނީ އަނިޔާގެ އަށް މައްސަލައެއްގެ އިތުރުން ބުލީގެ ހަތް މައްސަލައަކާއި ސައިބާ ބުލީގެ ހަތަރު މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ވެސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދިން ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ އަށް މައްސަލައެކެވެ.
ޖެންޑާ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިދިޔަ މަހު މިނިސްޓްރީ މެދުވެރިކޮށް 161 ކައުންސެލިން ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް ވަނީ ދީފައެވެ. މީގެ އިތުރުން، އެ މިނިސްޓްރީގެ ހެލްޕްލައިން ނަންބަރު 1412އަށް މިދިޔަ މަހު 1،379 ފޯން ކޯލް ލިބިފައިވާއިރު، 1421އަށް 626 ކޯލް ލިބިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
