ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި ބިލަކީ ދުންފަތުގެ ބައެއް ބާވަތްތަކުގެ ޑިއުޓީ ކުޑަކުރުމަށާއި، ދުންފަތާ ދުރުވުމަށް އެހީވާ ބައެއް ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާ ބިލެކެވެ.

މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ބައެއް އެހެން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލުތަކެއް ގެނައުމެވެ.

މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައިވަނީ، ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 ޕަސަންޓު ކަމަށް ކަނޑައެޅުމެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗު ފަދަ ތަކެތިން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ވެސް މި އިސްލާހުގައި ހިމެނެއެވެ.

މި ބިލުގައިވާ ގޮތުން، ބިޑިއާއި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައިވާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ ކުރިން، ނޮވެމްބަރު 2024 ގައި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގަމުން އައި 3.30 ރުފިޔާގެ ޑިއުޓީ، އަށް ރުފިޔާއަށް ބޮޑުކޮށްފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ސަރުކާރުން މި ބިލު ހުށަހެޅިއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފައިވާ ލަފަޔާ އެއްގޮތަށް ގެންނަ ބަދަލެއް ކަމަށް ސަރުކާރުން ބުންޏެވެ. އަދި މި ބަދަލުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ރަސްމީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.