ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް މޫސުން ލަފާކުރާއިރު އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށްވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ.

މީގެއިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މި އެލާޓްގެ މުއްދަތު މިއަދު ހެނދުނު 7:00 އަށް ވަނީ ހަމަވެފައެވެ. މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.