ދީނީ އިލްމާއި ކީރިތި ރަސޫލާގެ ސުންނަތަށް ދިވެހިންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ މަގުސަދުގައި، އިމާމް އައްނަވަވީގެ 40 ހަދީސް ހިތުދަސްކޮށްދޭ ހާއްސަ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ. "ހަދީސް ހިތުދަސްކުރުމުގެ 1448" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި ޕްރޮގްރާމަކީ 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކީރިތި ރަސޫލާގެ ސުންނަތަށް އާންމުންގެ ހިތްތަކުގައި ލޯބި އިތުރުކުރުމެވެ. މި ގޮތުން މި ޕްރޮގްރާމްގެ ބައިވެރިން ހިތުދަސްކުރާނީ އިމާމް އައްނަވަވީގެ މަޝްހޫރު 40 ހަދީސް އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހަދީސް ހިތުދަސްކުރުމުގެ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުން، އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު މި މަހުގެ 30 ވާ އަންގާރަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އިސްލާމިކް މިނިސްޓްރީއަށެވެ.
